10 Oct 2010, 10:36
ގުދުރަތީ އާ ހަތް އަޖައިބު ހޮވުމަށް ކުރިއަށް ގެންދާ ނިއު ސެވަން ވޮންޑާރސް އޮފް ދަ ނޭޗާގެ ފައިނަލިސްޓުންގެ ރޭކިން ގެ ތިން ވަނަ އަށް ރާއްޖެ ޖެހިލައިފި އެވެ.
މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް (އެމްޓީޕީބީ) އިން ބުނީ މިހާ ބޮޑު ކާމިޔާބީއެއް ލިބުމުގެ ސިއްރަކީ މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑާއި ޓޫރިޒަމް އިންޑަސްޓްރީ އާއި އެއާޕޯޓް ރެޕްސް އެސޯސިއޭޝަން އަދި ރެޕްސް ރިކްރިއޭޝަން ގުޅިގެން ގައުމީ ފެންވަރުގައި ރާއްޖެ އަށް ވޯޓް ހޯދުމަށް ކުރި ބުރަ މަސައްކަތް ކަމަށެވެ.
ރާއްޖެ މީގެ މަހެއްހާ ދުވަސް ކުރިން ހަތަރު ވަނައިގައި އޮތުމަށްފަހު އަށް ވަނަ އަށް ދަށަށް ދިއުމާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ފަރާތްތައް ގުޅިގެން ރާއްޖެ އަށް ވޯޓު ހޯދުމަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެ މަސައްކަތްތަކުގައި ޓޫރިޒަމް ހަފުތާގެ ތެރޭގައި ސެޕްޓެމްބަރު 27 އިން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް އާޓިފިޝަލް ބީޗާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖެ އަށް ވޯޓު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ރާއްޖެއިން ފުރާ ޓޫރިސްޓުންނަށް ވޯޓު ލެވޭނެ އިންތިޒާމު ވަނީ އެއާޕޯޓުގައި ވެސް ހަމަޖައްސައިފަ އެވެ.
ދުނިޔޭގެ އެންމެ އަޖައިބު ކުރުވަނިވި ސިފަތައް ލިބިފައިވާ މަންޒިލްތައް ހޮވުމަށް ސްވިޓްޒަލޭންޑްގެ ޖަމިއްޔާއެއް ކަމަށް ސެވަން ވޮންޑާސްއިން ހޮވާ ގުދުރަތީ ހަތް އަޖައިބު ހޮވުމަށް ބާއްވާ ރަސްމިއްޔާތު އޮންނަނީ އަންނަ އަހަރުގެ، 11-11-11 ތާރީހާ ދިމާކޮށެވެ.
މުޅި ދުނިޔެއަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ކެމްޕޭން ޕޮލިސީގައިވާ ގޮތުން މި ކެމްޕޭން ކާމިޔާބު ކުރުމަށްޓަކައި 90 ޕަސެންޓް ވޯޓު ހޯދަން ޖެހެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުންނެވެ. އަދި ހޮވިފައިވާ ގައުމުން ލިބޭ ވޯޓުން ނަގާނީ އެންމެ 10 ޕަސެންޓެވެ.
ގުދުރަތީ އާ ހަތް އަޖައިބުގައި ރާއްޖެ ހިމެނުމަށްޓަކައި 00442033470901 ނަމްބަރަށް ގުޅައިގެން ވެސް ރާއްޖެ އަށް ވޯޓު ލެވޭނެ އެވެ. ދުނިޔޭގެ އާ ހަތް އަޖައިބު ހޮވުމަށް ކުރިއަށް ގެންދާ މިކެންޕޭން އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް ވޯޓު ލުން ކުރިއަށް ދާނެ އެވެ.