ޖައްވުގެ ތެރެއިން ދުނިޔެއަށް ވެހޭ "ކޮސްމިކް ރޭ" ނުވަތަ "ކޮސްމިކް ޕާޓިކަލް" ތަކަކީ ޖައްވުގެ ތެރޭގައި ގޮވާފައިވާ ތަރި (ސުޕާނޯވާ) ތަކުން އުފެދޭ ޕާޓިކަލްތަކެއް ކަން ސާބިތުވާ ހެކިތަކެއް ލިބިފައިވާ ކަމަށް ސައެންސްވެރިން ބުނެފިއެވެ.

އެމެރިކާގެ ސްޓެންފޯޑް ޔުނިވާސިޓީއާއި އެސްއެލްއޭސީ ނެޝަނަލް އެކްސެލަރޭޓާ ލޮބޯޓަރީ ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާތަކަށް ފަހު މިހަފުތާގެ ސައިންސް މެގަޒިންގައި މިތަހުލީލުތަކުގެ ތަފްސީލްތައް ޝާއިއުކޮށްފައިވެއެވެ.

ނެޝަނަލް އެކްސެލަރޭޓާ ލެބޯޓަރީއިން އެ ހޯދުން ހޯދުމަށް ބޭނުންކޮށްފައިވަނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ފާމީ ޓެލެސްކޯޕެވެ. ފާމީ ޓެލެސްކޯޕުގެ އެހީގައި ސްޓެންފޯޑުގެ ޓީމުން ވަނީ ކޮސްމިކް ޕާޓިކަލްތައް ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަނުމާއެކު، ދުނިޔޭގެ މެގްނެޓިކް ފީލްޑުގައިވާ އެހެން ޕާޓިކަލްތަކާ އެކުވުމުން އުފެދޭ އަލީގެ އެހީގައި ކޮސްމިކް ޕާޓިކަލްތަކުގެ "އޮރިޖިން" ނުވަތަ އެޕާޓިކަލްތައް އުފެދުނު ތަނެއް ހޯދާފައެވެ.

މިހޯދުންތަކުން ހޯދިފައިވާ ގޮތުގައި، ކޮސްމިކް ޕާޓިކަލްތަކަކީ ދުނިޔޭގެ އިރު ފަދަ ބޮޑެތި ތަރިތައް ގޮވުމުން އުފެދޭ "ސުޕާނޯވާ" އިން އުފެދޭ ޕާޓިކަލްތަކެކެވެ.

މިޕާޓިކަލްތަކަކީ ވަރަށް ގެއްލުންހުރި ޕާޓިކަލްތަކެއް ނަމަވެސް، ދުނިޔޭގެ މެގުނެޓިކް ފީލްޑުގެ ސަބަބުން، ޕާޓިކަލްތަކަށް ދުނިޔޭގެ ޖައްވުގެ ތެރެއަކަށް ނުވަދެވެއެވެ.