ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު"ގެ ގަވާއިދާ ހިލާފްވި 25 ތަނެއް ޖޫރިމަނާ ކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑައިރެކްޓާ ހަސަން މުހައްމަދު މިއަދު ސަން އޮންލައިނަށް ވިދާޅުވީ މިހާތަނަށް އެގަވައިދާ ހިލާފްވި 25 ތަނެއް އެޗްޕީއޭއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ގިނައިން ޖޫރިމަނާ ކުރެވިފައިވަނީ ހުއްދަނުނަގައި ދުންފަތުގެ އިސްތިއުމާލް ކުރުމަށް ފުރުސަތު ދީފައިވާ ތަންތަނާއި ހުއްދަ ހޯދައިގެން ނަމަވެސް ހުއްދަ ހޯދި ސަރަހައްދު ފިޔަވައި އިތުރު ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ފުރުސަތު ދީފައިވާ ތަންތަނުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ލިޔުންތައް ނުބަހައްޓާ ތަންތަން ކަމަށެވެ.

"އަދި ތިން ކެޓަގަރީއަކުން އަޅުގަނޑުމެން ޖޫރިމަނާ ކުރަމުން މިދަނީ، ދެން ފުރަތަމަ ފަހަރު ލިޔުން ނުބަހައްޓާ ފަރާތްތައް 500ރ. ޖޫރިމަނާކުރެވޭއިރު ދެވަނަ ފަހަރަށް އެކަން ތަކުރާރު ކޮށްފިނަމަ 5000ރ. އަށް ބަދަލުވެގެންދާނެ" ހަސަން ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެގަވައިދުގެ ދަށުން އެމުއައްސަސާއަށް ލިބިފައިވަނީ އެގަވައިދާ ހިލާފްވާ ތަންތަނާމެދު ފިޔަވަޅު އެޅުންކަމަށްވާއިރު އެގަވައިދާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި ކުރިއަށްއޮތްތަނުގައިވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އަދި ތަކުރާރުކޮށް ފިޔަވަޅުއަޅައިގެން ވެސް އެކަން ހައްލުނުކުރެވޭނަމަ އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ހަސަން ވިދާޅުވިއެވެ.

މި އަހަރު އަލަށް އަމަލުކުރަން ފަށާފައިވާ އެ ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލް ކުރާ ނަމަ އެ މީހެއް 500ރ. އިން ޖޫރިމަނާކުރާނެ އެވެ. އޭގެ އިތުރުން ވެސް އެގަވާއިދަށް އަމަލުނުކުރާ ފަރާތްތަކާ މެދު ތަފާތު އެތައް އަދަބެއް އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވެ އެވެ.