16 Feb 2013, 13:37
އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ރޭ މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާގައި ނުވަ ފުލުހަކާއި ސިފައިންގެ މީހަކު ޒަޚަމްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭގެ މުޒާހަރާގައި ތިމަރަ ބަރިއަކުން ޖެހި ފުލުހެއްގެ ކޯމަތިން ފަޅައިގެން ގޮސްފައިވާއިރު، މުޒާހަރާގެ ބައިވެރިން އުކި ގަލުންޖެހި ގިނަ އަދަދެއްގެ ފުލުހުން ޒަޚަމްވެ ފަރުވާ ދީފައިވާ ކަމަށެވެ.
އަދި ރޭގެ މުޒާހާރާގައި ގުރޫޕަކުން ވަނީ ލިލީ މަގު އަމީނިއްޔާ ސްކޫލް ކައިރީގައި ކުލަ ހެދުމުގައި ހުރި ފުލުހެއްގެ ގައިގައި ތަޅައި އަނިޔާކޮށް އޭނާގެ ވޮލެޓް ފޭރިގެންފަ އެވެ. ފުލުހުން ބުނީ ކުލަ ހެދުމުގެ ހުރި ފުލުސްމީހާއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައި ވަނިކޮށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ.
ރޭ ގިނަ އަދަދެއްގެ ބަޔަކު ނުކުމެ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން އުކި އެއްޗެހިތަކުން ހިލާލީގޭ ސަރަޙައްދުގައި ޑިޔުޓީގައި ހުރި ސިފައިންގެ މީހެއްގެ ބޯ ތިން ތަނުން ފަޅައިގެން ގޮސްގެން ވަނީ އައިޖީއެމްއެޗްގައި ފަރުވާދީފަ އެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ މީހާގެ ބޯފަޅައިގެން ދިޔައީ އެސަރަހައްދުގައި ޑިއުޓީއަށް ތިބި ސިފައިންނާއި ފުލުހުންނާ ދިމާލަށް މުޒާހަރާގެ ބައިވެރިން އުކަމުންދިޔަ ފުޅި އާއި ގަލާ ލަކުޑިފަދަ އެއްޗެތިތަކުގެ ތެރެއިން އެއްޗަކުން ޖެހިގެން ކަމަށެވެ.
ރޭގެ މުޒާހަރާގައި ފުލުހުންގެ ވެހިކަލްތަކަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގެއްލުންދީ ހަދާފަ އެވެ.