16 Feb 2013, 13:29
ދުނިޔޭގެ އެންމެ ގިނަބަޔަކު ބޭނުން ކުރާ މަޝްހޫރު އޮންލައިން ސޯޝަލް ނެޓްވޯކް، "ފޭސްބުކް" ނެޓްވޯކަށް ހުސްވި މަހު ހެކަރުންގެ ނުރައްކާތެރި ހަމަލާއެއް އަމާޒު ވެއްޖެ ކަމަށް އެ ނެޓްވޯކުން ބުނެފި އެވެ.
އެމެރިކާގެ ކެލިފޯނިޔާގައި ހުންނަ ފޭސްބުކް ކުންފުނިން ނެރުނު ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ ހުސްވި މަހު އެނެޓްވޯކަށް ހެކަރުންގެ އާދަޔާހިލާފަށް ނުރައްކާތެރި ވަރުގަދަ ހަމަލާއެއް އަމާޒުވަފައިވާ ކަން ފާހަގަ ކުރެވިފައި ވާކަމަށާއި އަދި އެ ހަމަލާ ދީފައިވަނީ އެކުންފުނީގެ މުވައްޒަފުން ތަކެއް "މޯބައިލް ޑިވެލޮޕާ ވެބްސައިޓަކަށް ޒިޔާރަތް ކުރުމުން، އެ ވެބްސައިޓް މެދުވެރިކޮށް" ކަމަށެވެ.
ފޭސްބުކްގެ މުވައްޒަފަކު އޭނާގެ ލެޕްޓޮޕުން މޯބައިލް ޑިވެލޮޕާ ވެބްސައިޓަކަށް ވަނުމުން މެލިޝަސް ސޮފްޓްވެއާ ޕްރޮގްރާމެއް އެ ލެޕްޓޮޕަށް ޑައުންލޯޑްވީކަމަށާއި އަދި އެކަން ފާހަގަ ކުރެވުމާއެކު އެ ލެޕްޓޮޕް ނެޓްވޯކާއި ވަކިކޮށް ގާނޫނު ތަންފީޒު ކުރާފަރާތްތަކާއި ގުޅިގެން އެމައްސަލަ ތަހްގީގު ކުރާން ފެށިކަމަށް އެ ނެޓްވޯކުން ބުނެފައި ވެއެވެ.
ފޭސްބުކަށް ދެވުނު ހަމަލާއަކީ މިފަހަކަށް އައިސް ހައިޕްރޮފައިލް ވެބްސައިޓްތަކަށް އަމާޒު ކޮށްގެން ހެކަރުން ދޭންފެށި ނުރައްކާތެރި ހަމަލާތަކުގެ އެންމެ ފަހުން ދީފައިވާ ހަމަލާއެވެ. މި މަހުގެ ކުރީ ކޮޅުގައި ހެކަރުން ވަނީ މަޝްހޫރު ޓްވިޓާ މައިކްރޯ ބްލޮގްސްޕޮޓަށް ހަމަލާދީ އެ ނެޓްވޯކުގެ 250000 ޔޫޒާސް އިންގެ ޔޫޒާ ނޭމް، ޕާސްވޯޑް، އީމެއިލް އެޑްރެސް ފަދަ ޑާޓާތައް ވަގަށް ނަގާފަ އެވެ.
އަދި މަޝްހޫރު ނިއުސް ސައިޓްތައް ކަމަށްވާ ނިއުޔޯކްޓައިމްސް، ވޯލްސްޓްރީޓް ޖާނަލް، ވޮޝިންގްޓަން ޕޯސްޓް ފަދަ ވެބްސައިޓްތަކަށް ވެސް ހެކަރުން ވަނީ ހަމަލާ ދީފަ އެވެ. ހަމަލާގެ ޝިކާރައަކަށްވި ފަރާތް ތަކުން އެކަމުގެ ތުހުމަތު އަޅުވަނީ ޗައިނާގެ ބޮލުގަ އެވެ. އެހެން ނަމަވެސް ޗައިނާއިން ބުނެފައިވަނީ އެފަދަ އެއްވެސް ކަމަށް އެގައުމުން އެހީތެރި ވެފައި ނުވާނެ ކަމަށާއި އަދި އެއީ އެގައުމުގެ ގާނޫނުން ވެސް މަނާ ކުރެވިފައިވާ ކަމެއް ކަމަށެވެ.