އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން 55 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި 55 މީހުންގެ ތެރޭގައި ކުޑަ ކުއްޖެއްގެ އިތުރުން ހަތަރު އަންހެނުން ވެސް ހިމެނޭ ކަމަށެވެ. އެ އެންމެން ވެސް ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ.

ފުލުހުން ރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި އެމްވީ ޓައިމްސް ނޫހުގެ ރިޕޯޓަރަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ނޫހުގެ އެޑިޓަރު އަސަދުﷲ މުހައްމަދު ވަނީ ބުނެފަ އެވެ. އަދި އޭނާ ހައްޔަރުކުރީ މުޒާހަރާ ކަވަރު ކުރަމުންދަނިކޮށް އޭނާގެ ފާސް ގެއްލުނުކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނިކޮށް ކަމަށް ވެސް އަސަދުﷲ ބުންޏެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފާ ބައްދަލުކުރަން ދިއުމުން ބައްދަލުވެފައި ނުވާކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުން ރޭ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ރޭގެ މުޒާހަރާ ކަވަރު ކުރަން އުޅުނު އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައިނުވާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފް ވިދާޅުވީ އެމްވީ ޓައިމްސްގައި މަސައްކަތް ކުރާ ރިޕޯޓަރަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ބަޔަކު ޝަކުވާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހާއަކީ ނޫސްވެރިއެއްކަން އަންގައިދޭ އެއްވެސް އައިޑެންޓިޓީއެއް އެނގެން ނެތް ކަމަށާއި އޭނާގެ އައިޑެންޓިޓީ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހާ ހައްޔަރުކޮށްފައި ވަނީ މުޒާހަރާގެ ބައިވެރިއެއްގެ އަމަލުތައް ހުރި ގޮތަށް އަމަލުތައް ހުރުމުން ކަމަށެވެ.