"2012 ޑީއޭ 14"ގެ ނަން ދީފައިވާ ގިނިހިލަ (އެސްޓެރޮއިޑު) އިންޑޮނޭޝިޔާގެ ސުމަޓްރާގެ މަތިން ރޭ ދަތުރުކޮށް، ދުނިޔެ ޕާސްކޮށްފައިވާ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނެފި އެވެ.

ބޮޑު ހިލަ ދުނިޔެ އާއި އެންމެ ކައިރިވެފައި ވަނީ ރާއްޖޭ ގަޑިން ރޭ 11:25 ހާއިރު ކަމަށް ވެސް ނަސާ އިން ބުންޏެވެ.

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރަޝިޔާގެ ސައިބީރިއާއަށް ވެއްޓުނު ކުޑަ ގިނިހިލަ (މީޓިއޯރު)ގެ ސަބަބުން ލިބުނު ގެއްލުމާ އެކު، ދުނިޔޭގެ ޖައްވާއި ވަރަށް ކައިރިން އެއަށް ވުރެ ބޮޑު ގިނިހިލައެއް ދަތުރުކުރާނެ ހަބަރު ވެގެން ދިޔައީ އާއްމުންގެ ސަމާލުކަން ހޯދި ހަބަރަކަށެވެ.

ސައިބީރިއާ އަށް ވެއްޓުނު ގިނިހިލަ ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަދެ، ވެއްޓުނު މަންޒަރު ވީޑިއޯގެ ޒަރީއާ އިން އަދި ހަމަ ލޮލުން ވެސް ބަލާލެވުނު ނަމަވެސް، ދުނިޔޭގެ ޖައްވުގެ ކައިރިން ދަތުރު ކުރި "2012 ޑީއޭ 14"ހަމަ ލޮލަށް ނުފެންނަ ކަމަށް ނާސާ އިން ވަނީ ބުނެފަ އެވެ.

"2012 ޑީއޭ 14" ދުނިޔެއާ އެންމެ ކައިރިން ދަތުރުކޮށްފައި ވަނީ އިންޑޮނޭޝިޔާގެ ސުމަޓްރާގެ 17،100 މޭލު މަތިންނެވެ. އެ ސަރަހައްދަކީ ދުނިޔެ ވަށައި "ޖިއޯސްޓޭޝަނަރީ އޯބިޓު"ގައި ބުރު ޖަހަމުންދާ މުވާސަލާތީ ސެޓެލައިޓްތަކާއި މޫސުމް ލަފާކުރުމުގައި ބޭނުންކުރާ ސެޓެލައިޓްތައް ދަތުރުކުރަމުންދާ ސަރަހައްދެވެ.

ނާސާ އިން އެންމެ ފުރަތަމަ ވެސް ބުނެފައި ވަނީ "2012 ޑީއޭ 14" ދުނިޔެ އަށް ވެއްޓުމުގެ ފުރުސަތެއް ނެތް ކަމަށެވެ. ނުވަތަ އެފަދަ ފުރުސަތެއް އޮތް ނަމަ އެއީ ވަރަށް ވަރަށް ހަނި ފުރުސަތެއް ކަމަށެވެ.

ފުޓުބޯޅަ ދަނޑެއްގެ އެއްބައި ވަރުގެ ބޮޑު މިނުގެ "2012 ޑީއޭ 14" ދުނިޔެ އަށް ވެއްޓުނު ނަމަ ލިބޭނެ ގެއްލުމަށް ބަލާ އިރު، އެ ގިނިހިލަ ދުނިޔެ އަށް ވެއްޓޭނީ 2.4 މިލިއަން ޓަނުގެ ޑައިނަމައިޓް ގޮއްވާލުމުގެ އުފެދޭ ވަރުގެ ބާރުމިނެއްގަ އެވެ. އޭގެ ސަބަބުން އުފެދޭ ގޮވުމުގެ ސަބަބުން ލިބިގެންދާނެ ގެއްލުން 1908 ވަނަ އަހަރު ސައިބީރިއާގެ ޓުންގުސްކާ އަށް ވެއްޓުނު ގިނި ހިލައިގެ ސަބަބުން ލިބުނު ގެއްލުމާ އެއްވަރުވާނެ ކަމަށް ލަފާކުރެވެ އެވެ.

ނަވާރަސަތޭކަ އަށް ވަނަ އަހަރު ސައިބީރިއާ އަށް ވެއްޓުނު ގިނި ހިލައިގެ ސަބަބަބުން 750 އަކަ މޭލުގެ ޖަންގަލި އެއްކޮށް ބިމާ ހަމަވެފައިވެ އެވެ.

ނާސާ އިން ބުނި ގޮތުގައި "2012 ޑީއޭ 14" ހާ ބޮޑު ގިނި ހިލައެއް ދުނިޔެ އާ މިހާ ކައިރިން ދަތުރުކުރާނެ ކަން ދެނެގަނެވުނު މިއީ ފުރަތަމަ ފަހަރެވެ.