16 Feb 2013, 12:32
އިއްޔެ މާލޭ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުޅުނު ދެވަނަ ޑިވިޜަންގެ ލިމިޓެޑް އޯވަރ ކްރިކެޓް މުބާރާތުގެ ހަވަނަ މެޗުގައި އެމްއެސް އެކަޑަމީއާ ބައްދަލުކޮށް ދެ ވިކެޓްގެ ތަފާތުން މާލޭ ސްޕޯޓްސް މޮޅުވެއްޖެ އެވެ.
މެޗުގައި ޓޮސް ދިމާވުމުން އެމްއެސް އެކަޑަމީ އިން ގަސްދުކުރީ ބެޓްކުރާށެވެ. އެކަޑަމީ ޓީމުން ކުޅެން އަރައި، ހުރިހާ ކުޅުންތެރިން ނުބައިވެގެން 28 އޯވަރުގެ ތެރޭގައި ހެދިފައިވަނީ 125 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ލަނޑު ހެދި އަލީ އިބްރާހީމް އެވެ. އަދި އެ އިނިންގްސް ގައި މާލޭ ސްޕޯޓްސް އިން އެންމެ ރަނގަޅަށް އުކާފައިވަނީ ހަ އޯވަރުގެ ތެރޭގައި 13 ލަނޑަށް ދެ ވިކެޓް ނެގި މުހައްމަދު ސަމީން އެވެ.
މާލޭ ސްޕޯޓްސް އިން ކުޅެން އަރައި އަށް ކުޅުންތެރިން ނުބައިވެގެން 32 އޯވަރުގެ ތެރޭގައި ހެދުނީ 126 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެދެނީ 36 ލަނޑު ހެދި އިބްރާހީމް އަލީ އެވެ. އިދި ކޮޅު ޓީމުން އެންމެ ރަނގަޅަށް އުކާފައި ވަނީ އަށް އޯވަރުގެ ތެރޭގައި 16 ލަނޑަށް ތިން ވިކެޓް ނެގި މުހައްމަދު ސާފީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާލޭ ސްޕޯޓްސްގެ އިބްރާހިމް އަލީ އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ދެވަނަ ޑިވިޜަންގެ ލިމިޓެޑް އޯވަރ ކްރިކެޓް މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައި ވަނީ އޮފް އެފްސީ އާއި ކްރިކެޓް ބޯޑުގެ ޔޫތު ޓީމެވެ.