ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގެ މުއާސަލާތީ ކުންފުނި ދިރާގުން ބާއްވާ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2012" އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ބާއްވައިފި އެވެ.

ދިރާގުން އިންތިޒާމް ކޮށްގެން އިއްޔެ ހަވީރު ބޭއްވި ހާއްސަ ކުޅިވަރު ފެސްޓިވަލްގައި ބައިވެރިވެފައި ވަނީ ޖަމާލުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި ކެއާ ސޮސައިޓީއާއި އޯޓިޒަމް އެސޯސިއޭޝަނާއި އެސޯސިއޭޝަން ފޯ ޑިސެބަލިޓީ އެންޑް ޑިވެލޮޕްމަންޓުގެ އިތުރުން މޯލްޑިވްސް ޑެފް އެސޯސިއޭޝަން އެވެ.

ހުކުރުދުވަހު ހަވީރު ހެންވޭރު ދަނޑުގައި އޮތް ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ޝަރަފްވެރި ކޮށްދެއްވުމަށް ވަޑައިގަތީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.

އިއްޔެ ބޭއްވި ފެސްޓިވަލްގައި ބައިވެރިވި އެކި އުމުރުފުރައިގެ ގިނަ އަދަދެއްގެ ކުދިން ވަނީ އެކުދިންގެ ހުނަރުތައް ދައްކާލާފަ އެވެ. އެގޮތުން ގޯނިރޭހާއި، ބެޓްން ރިލޭ، ދުވުން، ފުންމުން އަދި ސޭންޑް ސްކީ ފަދަ ކުޅިވަރުތައް އެފެސްޓިވަލްގެ ބައިވެރިން ވަނީ ދައްކާލާފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ދިރާގުން އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މި ސްޕޯޓްސް ފެސްޓިވަލަކީ ހުސްވި އަހަރު ބޭއްވުމަށް ހަމަޖެއްސި ފެސްޓިވަލެކެވެ. އެހެން ކަމުން މިއަހަރުގެ މެދުތެރޭގައި ނުވަތަ އަހަރުގެ ފަހުކޮޅުގައި 2013 ވަނަ އަހަރުގެ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ބާއްވާނޭ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.