ދިވެހި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް މިހާރު ދައްކަމުން އަންނަ ހިތްގައިމު މޮޅު ކުޅުމާ އެކު ރާއްޖޭގެ ފުޓްބޯޅައަށް "އާރޯކަން" އަތުވެއްޖެ ކަމަށް ޕާކިސްތާންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޒާވިއާ މިލޯސެވިޗް ބުނެފި އެވެ.

ރާއްޖެ އައި ޕާކިސްތާން ކުޅުނު ރަހުމަތްތެރިކަމުގެ ދެ މެޗަށް ފަހު ސަންއޮންލައިނަށް ދިން އިންޓަވިއުގައި ކޯޗް ޒާވިއާ ބުނީ، މީގެ ފަސް އަހަރު ކުރިން ބައިނަލްއަގްވާމީ މެޗްތަކުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ދައްކަމުން އައި ކުޅުމަށް ވުރެ، މިހާރު ރާއްޖޭގެ ޓީމް ދައްކަމުން އަންނަ ކުޅުމަކީ ބަލާލަން ރީތި އަދި އެހާމެ މޮޅު ކުޅުމެއް ކަމަށާއި ފުޓްބޯޅައިގައި ރާއްޖެ މިހާރު އެ ވަނީ "އާ ހުސްމިންތަކަކަށް" ދަތުރު ކޮށްފައި ކަމަށެވެ.

"ފުޓްބޯޅައިގައި ރާއްޖެ އަށް އާރޯކަން އަތުވެއްޖެ. ދިވެހި ޓީމުން އެކަން މިއަދު ސާބިތުކުރާތަން ފެނިއްޖެ. ދިވެހި ޓީމުގެ ފާސިން ގޭމާ މެދު ވެސް އަހަރެން ވަރަށް ހިތް ހަމަޖެހޭ." ޒާވިއާ ބުންޏެވެ.

ރާއްޖެ އައި ޕާކިސްތާން މާލޭގައި ކުޅުނު ފުރަތަމަ މެޗް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. އަދި ދެ ވަނަ މެޗް ނިމުނީ 3-0 ލަނޑުން ރާއްޖެ ކާމިޔާބު ކޮށްގެންނެވެ.

ކޯޗް ޒާވިއާ ބުނީ، ދިވެހި ޓީމުގެ ހުރިހާ ވެސް އުންމީދެއް ގުޅިލާމެހިފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ކެޕްޓަން އަލީ އަޝްފާގް(ދަނގަޑޭ) ކަމަށާއި އޭނާ ހުނަރުވެރި ކަމަކީ މަދުން ނޫނީ ފުޓްބޯޅަ ކުޅުންތެރިއަކަށް ނުދެއްކޭނެ ވަރުގެ މޮޅު ހުނަރެއްކަމަށެވެ. އަދި މާލޭގައި ޕާކިސްތާނުން ކުޅުނު ދެ މެޗުގައި ވެސް ދިވެހި ޓީމުގެ ފޯވާޑް އަސްފާގް ވާނީ މޮޅުކުޅުމެއް ދައްކާފައި ކަމަށެވެ. އަދި ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު އެ ދެ މެޗުގައި ވެސް އަސްފާގް "އޮބަހެއްޓުމަށް" ޕާކިސްތާނުގެ ޓީމުން ހާއްސަ ސަމާލުކަމެއް ދިން ނަމަވެސް، އޭނަގެ ހަލުވިކަމުން ޕާކިސްތާންގެ ކުޅުންތެރިންނަށް އަސްފާގް ނުހިފެހެއްޓިގެން ދިޔަކަމަށް ޒަވީއާ ގަބޫލް ކުރި އެވެ.

"ރާއްޖޭގެ ފުޓްބޯޅަ ވަރަށް ކުރިއަށްޖެހިއްޖެ. ރީތި މޮޅު ކުޅުމެއް ރާއްޖޭގެ ގައުމީ ޓީމުން ދައްކަމުން އަންނަ ކަމަށް މިހާރު ގަބޫލް ކުރަން. ދިވެހި ޓީމުގެ ހުރިހާ ވެސް އުންމީދަކީ ފޯވާޑް އަސްފާގް. އޭނާއަކީ ހުނަރުވެރި މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް." ޒަވީއާ ބުންޏެވެ.

ޒާވިއާ ބުނީ، ރާއްޖެ އަތުން ފަހު މެޗުގައި ޕާކިސްތާން ބަލިވިޔަސް، އޭނަގެ ޓީމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެގޮތުން ދާދި ފަހުން ނޭޕާލާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ ދެ މެޗްވެސް ކާމިޔާބު ކޮށްފައި ވުމުން ޕާކިސްތާންގެ ފުޓްބޯޅައަށް ވެސް ކުރިއެރުންތަކެއް އަތުވއްޖެ ކަމަށް ގަބޫލް ކުރާ ކަމަށެވެ. އަދި މިމަހު ފީފާ އިން އިއުލާން ކުރި ރޭކިން ލިސްޓުގައި 19 ދަރަޖާގެ ކުރިއެރުމެއް ލިބުމުން އެކަން ސާބިތުވާކަމަށް ވެސް ޒަވީއާ ފާހަގަ ކުރިއެވެ.

މިމަހު އިއުލާން ކުރި ފީފާ ރޭންކިންގައި ޕާކިސްތާނަށް 19 ދަރަޖާގެ ކުރިއެރުމަކާ އެކު ސާކް ސަރަހައްދުގައި އެގައުމު އޮތީ ހަތަރުވަނައިގަ އެވެ. އެއީ ދުނިޔޭގެ ރޭންކިންގެ 170 ވަނާގަ އެވެ. އަދި ސާކް ސަރަހެއްދުގެ އެއްވަނަ މަގާމްގައި ރާއްޖެ އޮތް އިރު، ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 159 ވަނައިގަ އެވެ. ސަރަހައްދުގެ އެއްވަނައިގައި ރާއްޖެ އޮތީ މިދިޔަ އޯގަސްޓް މަހުން ފެށިގެންނެވެ.

ޕާކިސްތާނާ އެކު ދިވެހި ޓީމުން އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައި އެވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ މުބާރާތް ރާއްޖޭގައި ބާއްވާތީ އޮޓޮމެޓިކް ޖާގައެއް މިފަހަރު ރާއްޖެ އަށް ލިބިފައިވުމުން މި އަހަރު ކުޅޭ ކޮލިފައިން މެޗުތަކުގައި ރާއްޖެ ކުޅޭކަށް ނުޖެހެ އެވެ.