ދިވެހިރާއްޖޭގައި ސިޔާސީ ހަމަނުޖެހުންތަކެއް އުފެދިގެން އުޅޭ ކަމަށް ބުނެ، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ބަޔާންތައް ނެރެމުން ދާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އޮތީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި ނޫން ކަމަށެވެ. އަދި ބޭރުގެ ގައުމުތަކާއި، ޖަމާއަތްތަކުން ނެރެމުންދާ ބަޔާންތައް ތެދު ހަގީގަތުގެ މައްޗަށް ބިނާ ކުރުން މުހިއްމުކަން ފާހަގަކޮށް، އެ ނޫން ގޮތަކަށް ބަޔާންތައް ނުނެރުމަށް ފޮރިން މިނިސްޓްރީއިން ވަނީ ގޮވާލާފައެވެ.

ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި، ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲއާ ހަވާލާދީ ބުނެފައިވަނީ މިއަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރަކަށް ވުމުން، ހުރިހާ ސިޔާސީ ފަރާތްތަކުން ކެމްޕެއިންކުރަމުންދާ ކަމަށާއި، މީޑިއާގެ ސަމާލުކަން ވީހާވެސް ބޮޑަކަށް ހޯދުމަށް ހުރިހާ ފަރާތްތަކުން ބަލަމުންދާ ކަމަށެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިންޑިއާގެ ހައި ކޮމިޝަންގައި ހުންނެވި ހުންނެވުމަށް އިޝާރާތްކުރައްވާ ސަމަދު ވިދާޅުވެފައިވަނީ ނަޝީދު އެތަނުގައި ހުންނެވީ އެމަނިކުފާނުގެ އަމިއްލަ އިހުތިޔާރުގައި ކަމަށާއި، އެތާނގައި ހުންނަވައިގެން އާއިލާ އާއި، ސަޕޯޓަރުންނާ ނަޝީދު ބައްދަލުކޮށް ހައްދަވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓްރީގެ ބަޔާނުގައި ނަޝީދުގެ މައްޗަށް ކުރެވެމުންދާ ދައުވާއަކީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ނިޒާމުން ގެއްލުވާލި މައްސަލައިގެ ދައުވާ ކަމަށާއި، މިދައުވާއަކީ ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު އައްޔަން ކުރެއްވި މިނިވަން މުސްތަގިއްލު ޕްރޮސެކިއުޓަރ ޖެނަރަލްއެއް ކޯޓަށް ހުށަހެޅި ދައުވާއެއް ކަން ފާހަގަކޮށްފައިވެއެވެ.