16 Feb 2013, 11:09
ހަވީރު ނޫހުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވިކްޓަރީ ސްޕޯޓްސް ކްލަބުގައި މިދިޔަ ސީޒަންގައި މޮޅުކުޅުމެއް ދެއްކި ހުނަރުވެރި ފޯވަޑް މުހައްމަދު އުމައިރު ހޮވައިފި އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ހަވީރު ސްޕޯޓްސް އެވޯޑް 2013ގެ މޮޅުކުޅުން ތެރިޔާގެ މަގާމަށް އުމެއިރާ ވާދަކުރި އަނެއް ދެކުޅުން ތެރިންނަކީ ނިއުރޭޑިއެންޓުގެ އަލީ އަޝްފާގާއި ކީޕަރު އިމްރާން މުހައްމަދު އެވެ. އޭގެ އިތުރުން ސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް އުމެއިރު އެވެ.
ހުސްވި އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ވޭތުވެ ދިޔަސީޒަންގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ދިވެހި ލީގާއި ޕްރެޒިޑެންޓް ކަޕް ކާމިޔާބުށްދިން ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިކްޓަރީ އާއި އަދި ގައުމީޓީމުގައި ފާހަގަކޮށްލެވޭ މޮޅުކުޅުމެއް ދެއްކި ރިލްވާން ވަހީދު (ރިލޭ) އެވެ. އެންމެ މޮޅު ފުޓްބޯޅަ ރެފްރީ އަކަށް އަހްމަދު އަސްލަމް ހޮވާފައިވާ އިރު ކުޅިވަރުގެ ދާއިރާގައި ގިނަ ދުވަސްތަކަކު ހިދުމަތް ކުރެއްވި ގައުމީ ޓީމުގެ މެޑިކަލްސް އަހްމަދު ޝަކީބަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް ދީފައިވެ އެވެ.
ހަވީރު ކުޅިވަރު އެވޯޑުން ފާހަގަ ކޮށްލެވުނު އިތުރު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިއަކަށް އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހޮވާފައިވާ އިރު އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވާފައި ވަނީ އައިޝަތު ނާޒިމާ އެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ވޮލީ ބޯޅަ ކުޅުންތެރިޔަކަށް އަހްމަދު އަނިލް ހޮވުނު އިރު އެންމެ މޮޅު އަންހެން ވޮލީ ބޯޅަ ކުޅުންތެރިޔަކީ އައިޝަތު މާޖިދާ އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާއަށް ހަވީރުންދޭ ސްޕޯޓްސް އެވޯޑް ލިބުނީ މުހައްމަދު ޒިލާލް އަށެވެ. އަދި 21 އަހަރުން ދަށުގެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔަކަށް އިސްމާއީލް ވިލްދާން ޔޫސުފް އެވެ.