އެމްޑީޕިއިން ރޭގައި ކުރަމުންދިޔައީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި ސުލްހަވެރިކަމާ އެކު އިހްތިޖާޖް ކުރަމުންދިޔަ މީހުންނަށް ފުލުހުން ހަމަލާދީ އަނިޔާވެރިކޮށް އެތައް ބަޔަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށް އެމްޑީޕީއިން ބުނެފި އެވެ.

އެމްޑީޕިއިން ބުނީ ރޭ ހައްޔަރުކޮށްފައިވާ އެ ޕާޓީގެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ޤާނޫން އަސާސީން އެފަރާތްތަކަށް ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރަމުން ދަނިކޮށް ކަމަށާއި އެކަން އެ ޕާޓީ އިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ.

"އެމްޑީޕީގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ރޭ ސުލްހަވެރި ގައުމީ ހިނގާލުމުގައި ސުލްހަވެރިކަމާ އެކު ތިބި މި ޕާޓީ އަށް ނިސްބަތްވާ އަދި މި ޕާޓީ އަށް ތާއީދުކުރާ އެތައް ބަޔަކު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. މިގޮތުން ފުލުހުން ހައްޔަރު ކުރި ފަރާތްތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފު އަދި އަހްމަދު ސައީދު (ގަހާ ސައީދު) ހިމެނިވަޑައިގަންނަވަ އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ހައްޔަރު ކުރި އެހެން ހުރިހާ ފަރާތްތަކެއް ވެސް ރޭ ހައްޔަރުކޮށްފައި ވަނީ އެފަރާތްތަކުން ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާފައިނުވަނީސް އައިރު ގާނޫނީ ހައްޔަރަކުން" އެމްޑީޕީއިން ބުންޏެވެ.

އެޕާޓީ އިން ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަކީ ގާނޫން އަސާސީ އިން ކޮންމެ ދިވެހިރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާ އިރު އެހައްގު ނިގުޅައި ގަތުމަށް މަސައްކަތް ނުކުރުމަށް ފުލުހުންނަށް ގޮވާލާކަމަށެވެ. އަދި އެހައްގު ދިފާއުގައި އެ ޕާޓީން ކުރަމުންގެންދާ މަސައްކަތް ނުހުއްޓޭނެކަމަށް ވެސް އެމްޑީޕީއިން ބުންޏެވެ.

ފުލުހުން ބުނީ އެމްޑީޕީ އިން ރޭގައި ކޮށްފައި ވަނީ ސުލްހަވެރި އިހުތިޖާޖެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ބަޔަކު މަގުތަކަށް ނުކުމެ ރޭ ގަނޑާއި ދުވާލު މާލެތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމްޑީޕީން ރޭ މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ "ހިނގާލުމުގެ" ބައިވެރިން ފުލުހުންނާ ކުރިމަތިލައި ހިންގި ހަމަނުޖެހުންތަކުގައި އެތަށް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އިތުރުން އާއްމު ރައްޔިތުން ހިމެނެ އެވެ.