16 Feb 2013, 10:47
އިންޑިއާ ހައިކޮމިޝަން ތެރޭގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެތަން ދޫކުރައްވައި ވަޑައިގަންނަވަން ޖެހޭނެ ކަމަށް އިންޑިއާ އިން ދެކޭ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.
ނަން ހާމަ ނުކުރާ އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ "ދަ ޓްރައިބިއުން" ނޫހުން މިއަދު ބުނީ ނަޝީދު އަމިއްލަ ފުޅަށް ހައިކޮމިޝަން ދޫކުރައްވައި ވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އެގޮތަށް ކަންތައް ނުވެއްޖެ ނަމަ "ހުރަސް ކުރަން ޖެހޭ ފާލަމެއް އިންޑިއާ އިން ހުރަސް ކުރާނެ" ކަމަށެވެ.
"ނަޝީދު އަމިއްލަ ފުޅަށް ހައިކޮމިޝަން ދޫކުރައްވައި ވަޑައިގަންނަވަން ޖެހޭނެ" އިންޑިއާގެ އޮފިޝަލް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
އަދި ވަޑައި ނުގެންފި ނަމަ އިންޑިއާ އިން ކުރާނީ ކީއްތޯ ސުވާލު ކުރުމުން "ފާލަމާ ހިސާބަށް އައުމުން އަހަރެމެން ފާލަން ހުރަސްކުރާނަން،" ކަމަށް އެ އޮފިޝަލް ވިދާޅުވި ކަމަށް ވެސް ނޫހުގައިވެ އެވެ.
ރައީސް ނަޝީދު އިންޑިއާ ހައިކޮމިޝަނަށް ވެދެވަޑައިގެން އެތާ ހުންނެވި ގޮތާ ބެހޭ ގޮތުން އޭނާ ވިދާޅުވެފައި ވަނީ، އެމަނިކުފާނު ވަޑައިގެން ޒުވާން އޮފިސަރެއްގެ ގާތުގައި ވިދާޅުވީ ހައިކޮމިޝަނަރު ޑީއެމް މުލޭއާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ވާހަކަ ކަމަށާއި އެތާ މަޑުކުރައްވަން އޭނާ ދެންނެވީ އެހެންވެ ކަމަށެވެ.
ރައީސް ނަޝީދު އިންޑިއާ ހައިކޮމިޝަނުގައި މަޑުކުރެއްވުމުން އިންޑިއާ އިން ނެރުނު ބަޔާނަކީ ރާއްޖޭގެ ދާހިލީ ކަމަކާ ބެހުމުގެ ނިޔަތުގައި ނެރުނު ބަޔާނެއް ނޫން ކަމަށް އެގައުމުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އިންޑިއާގެ ބަޔާނުގައި ބުނެފައި ވަނީ ހުރިހާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ފުރުސަތު އޮންނަ އިންތިހާބެއް ރާއްޖޭގައި ބޭއްވުން މުހިއްމު ކަމަށެވެ.
އެކަމުގައި ބައިނަލްއަގުވާމީ އެހެން ފަރާތްތަކުން ވެސް ބުނަމުން ދަނީ ހަމަ އެހެންނެވެ. އެގޮތުން އިނގިރޭސިވިލާތާއި އދ. އާއި ކޮމަންވެލްތުން ވެސް ވަނީ ހުރިހާ ޕާޓީތަކެއްގެ ކެންޑިޑޭޓުންނަށް ބައިވެރި ވެވޭ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަން ގޮވާލައިފަ އެވެ.
އެމެރިކާ އިން ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެގެންދާ ދިއުމާ މެދު ކަންބޮޑުވާ ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ ކަންކަން ކުރިއަށް ދާން ޖެހޭނެ ކަމަށެވެ.
ދިވެހި ސަރުކާރުން ބުނެފައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމާ ހުރިހާ ބޭފުޅުންނަށް ވެސް އިންތިހާބުގައި ކުރިމަތިލެއްވުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ ބަލާ ފަރާތަކީ، މިނިވަން މުއައްސަސާ، އިލެކްޝަންސް ކޮމިޝަން ކަމަށެވެ.