ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާ 750 މިލިއަން އެމެރިކާ ޑޮލަރުގެ ހެލިކަޕްޓަރު ޑީލް އުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީ އިން ބުނެފި އެވެ.

އިޓަލީވިލާތުގެ ޑިފެންސް ކޮންޓްރެކްޓިން ކުންފުނި ފިންމެކޭނިކާގެ ސަބްސިޑައިރީއެއް ކަމަށްވާ އޮގަސްޓާ-ވެސްޓްލޭންޑާ އެކު އިންޑިއާ އިން 2010 ވަނަ އަހަރު އެއްބަސްވެފައި ވަނީ އިންޑިއާގެ ރައީސާއި ބޮޑުވަޒީރު އަދި އެހެނިހެން ވީވީއައިޕީ އިން ދަތުރުކުރުމަށް ބޭނުންވާ 12 ހެލިކަޕްޓަރު އިންޑިއާ އަށް ގަތުމަށެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ފިންމެކޭނިކާ ގުރޫޕުގެ ސީއީއޯ ޖިއުސެއްޕޭ އޯރުސީ އިޓަލީގެ ފުލުހުން ހައްޔަރުކުރުމާ އެކު އިންޑިއާގެ 12 ހެލިކަޕްޓަރުގެ ބީލަން ކާމިޔާބުކުރުމުގައި ވެސް ފިންމެކޭނިކާއިން އިންޑިއާގެ އޮފިޝަލުން ރިޝްވަތު ދީފައިވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

ޖިއުސެއްޕޭ އޯރުސީ މިހާރު ވަނީ ފިންމެކޭނިކާގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އެ މައްސަލާގައި އިންޑިއާ އިން އެންމެ ފުރަތަމަ ނިންމާފައި ވަނީ މައްސަލަ ތަހުގީގުކޮށް ނިމެންދެން ފިންމެކޭނިކާ އަށް ދައްކަން ޖެހޭ ފައިސާ ހިފެހެއްޓުމަށެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ބީބީސީ އިން ބުނެފައި ވަނީ ކޮންޓްރެކްޓް ކެންސަލް ކުރުމުގެ ނޯޓިސް އޮގަސްޓާ-ވެސްޓްލޭންޑަށް ފޮނުވާފައިވާނެ ކަމަށާއި ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެކުންފުނިން ޖަވާބެއް ދޭން ޖެހޭނެ ކަމަށެވެ.

އިންޑިއާގެ ސީބީއައި އިން އެ މައްސަލަ ތަހުގީގުކުރަމުންދާ އިރު، އިންޑިއާގެ އޮފިޝަލުން ރިޝްވަތު ހިފާފައިވާކަން ސާބިތުވެއްޖެ ނަމަ، އިންޑިއާ އިން ފިންމެކޭނިކާ ބުލެކް ލިސްޓު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބުލެކް ލިސްޓް ކޮށްފި ނަމަ، ފަސް އަހަރު ދުވަހުގެ މުއްދަތައް ފިންމެކޭނިކާ އަށް އިންޑިއާގެ އެއްވެސް ބީލަމެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލަކާއި ހަވާލާދީ ރޮއިޓަސް އިން ބުނީ އިންޑިއާގެ ސަރުކާރަށް ކޮރަޕްޝަންގެ މި މައްސަލައާ ހެދި ގިނަ ގޮންޖެހުންތަކެއް ސިޔާސީ މަޝްރަހުގައި އަދި ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ކުރިމަތިވަމުންދާތީވެ، އޮގަސްޓާ-ވެސްޓްލޭންޑާ އެކު ވެފައިވާ އެއްބަސްވުން އުވާލަން ނިންމީ ކަމަށެވެ.