16 Feb 2013, 10:21
ޤާހިރާ (ފެބްރުއަރީ 16): މިސްރުގެ ވެރިރަށް ޤާހިރާގައި ހުންނަ އަލްޤުއްބާ ރިޔާސީ ގަނޑުވަރަށް ޙަމަލާދީ އެގަނޑުވަރަށް ވަދެގަންނަން މަސައްކަތްކުރި ބަޔަކު މިސްރު ފުލުހުން ހައްޔަރުކޮށްފި އެވެ.
ރިޕޯޓްތައް ބުނާގޮތުން އަލްޤުއްބާ ރިޔާސީ ގަނޑުވަރަށް ޙަމަލާދިނީ ރައީސް މުޙައްމަދު މުރުސީ އާ ދެކޮޅަށް އިއްޔެގެ ހުކުރުނަމާދަށް ފަހު މުޒާހަރާކުރި އެތަށް ހާސް މީހުންގެތެރެއިން ބައެކެވެ. އެމީހުންވަނީ ޤާހިރާގެ އުތުރުގައި ހުންނަ އަލްޤުއްބާ ރިޔާސީ ގަނޑުވަރަށް އޮއްގަލާއި މޮލްޓޯވް ކޮކްޓޭލް އިން ޙަމަލާދީ ގަނޑުވަރުގެ ވަށައިގެންވާ އިންފާރު މަތިން އެތެރެއަށް ވަނުމަށް މަސައްކަތްކޮށްފަ އެވެ. މިކަމާގުޅިގެން ފުލުހުންވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމަށް ފަހު ރިޔާސީ ގަނޑުވަރަށް ޙަމަލާދޭން މަސައްކަތްކުރި އެތައްބަޔަކު އަތުލައިގަނެ ހައްޔަރުކޮށްފަ އެވެ. އެވަގުތު ރައީސް މުޙައްމަދު މުރުސީ އެގަނޑުވަރުގައި އުޅުއްވާކަން ނުވަތަ ނޫންކަން އެނގިފައެއް ނުވެ އެވެ.
އަލްޤުއްބާ ރިޔާސީ ގަނޑުވަރަކީ މިސްރުގެ ރައީސްގެ ގަނޑުވަރުތަކުގެ ތެރޭން ގަނޑުވަރެކެވެ. ރައީސް މުޙައްމަދު މުރުސީގެ އިސްތިއުފާ އަށް ގޮވާލައި މިސްރުގެ ޤާނޫނީ ވެރިކަން ވައްޓާލުމަށް މިސްރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަމުންގެންދާތާ އެތަށް ދުވަހެއްވެއްޖެވެ. ޤާހިރާގެ އިތުރުން މިސްރުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އިސްކަންދަރިއްޔާއާއި އެނޫން ބައެއް ރައްރަށުގައި ވެސް އިއްޔެގެ ހުކުރު ނަމާދަށް ފަހު މުރުސީގެ ވެރިކަމާދެކޮޅަށް މުޒާހަރާތައް ކޮށްފައިވެ އެވެ. އަދި މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ވެސް އިއްޔެވަނީ ހަމަނުޖެހުންތަކާ ދެކޮޅު ޝިޢާރުގެ ދަށުން މުޒާހަރާކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތައް މިހާރުދަނީ ރައީސް މުރުސީ އަށް ތާއީދުކުރާ އިސްލާމީ ޚިޔާލުގެ މީހުންނާއި ދީނާއި ދައުލަތް ވަކިކުރުމަށް ގޮވާލާ ހުޅަނގުގެ ޢިލްމާނީ ފިކުރުގެ މީހުންނާ ދެމެދު ހިނގާ ކުރިމަތިލުންތަކަކަށް ބަދަލުވަމުންނެވެ.
ޢިލްމާނީ ފިކުރުގެ މީހުންގެންދަނީ މިސްރުގެ ރައްޔިތުން ދިމުޤްރާތީ ގޮތުން އިންތިޚާބުކޮށްފައިވާ ރައީސް މުޙައްމަދު މުރުސީގެ ސަރުކާރަށް މިސްރުގައި ވެރިކަންކުރުމުގެ ފުރްސަތު ނުދިނުމަށް މަސައްކަތް ކުރަމުންނެވެ. މުރުސީ އާ އިދިކޮޅު ފަރާތްތަކުން މިސްރުގައި ހިންގަމުންގެންދާ ހަމަނުޖެހުންތަކުގެ ސަބަބުން މިސްރުގެ ޑިމޮކްރެޓިކް ނިޒާމަށް ނުރައްކާތެރިވުމުގެ އިތުރުން މިސްރުގެ އިޤްތިސާދަށް ވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)