މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަޕޯޓަރުންނާއި ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރާ ބަޔަކު މަގުތަކަށް ނުކުމެ ރޭ ގަނޑާއި ދުވާލު މާލެތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެމީހުން މިހާރު ކުރާ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

އެމްޑީޕީން ރޭ މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ "ހިނގާލުމުގެ" ބައިވެރިން ފުލުހުންނާ ކުރިމަތިލައި ހިންގި ހަމަނުޖެހުންތަކުގައި އެތަށް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އިތުރުން އާއްމު ރައްޔިތުން ހިމެނެ އެވެ.

ރޭ އެމްޑީޕީން މާލޭގެ މަގުތަކުގައި ކުރި މުޒާހަރާ އާ ބެހޭ ގޮތުން ފުލުހުން މިއަދު ބުނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މަގުތަކަށް ނުކުމެ ޣައިރު ގާނޫނީ އެތައް އަމަލެއް ހިންގައި އަަަދި ސަލާމަތީ ޚިދުމަތްދޭން ތިބި ފަރާތްތަކާ ދެކޮޅަށް އޮށްގަލާއި ފުޅިފަދަ ތަކެތި އުކުން ފަދަ އަނިޔާވެރި ޢަމަލުތައް ހިންގާފައިވާ ކަމަށެވެ. އަދި ފުލުހުން ޤާއިމް ކޮށްފައިވާ ސަލާމަތީ ސަރަޙައްދުތަކަށް ގަދަކަމުންވަދެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، އެ ތަނުގައި ޖަހާފައިވާ ބެރިކޭޑްތައް އުކާލުން ފަދަ ކަންކަން މުޒާހިރާގެ ތެރޭގައި ތަކުރާރުކޮށް ފެންނަމުންދާ ކަމަށެވެ.

"މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބަޔަކު އިސްވެ ތިބެ ދެކޮޅުވެރިކަމުގެ ހަރަކާތްތަކެއް ވަނީ ފަށާފައި. އޭގެ ފަހުން ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި މާލޭގެ އެކި ސަރަހައްދަށް އެއްވެ މާލެ ތެރޭގެ އަމާންކަން ނަގާލަން ދަނީ މަސައްކަތް ކުރަމުން. ސަލާމަތީ ޚިދުމަތްދޭން ތިބި ފަރާތްތަކާ ދެކޮޅަށް އޮށްގަލާއި ފުޅި ފަދަ ތަކެތި އުކުންފަދަ އަނިޔާވެރި ޢަމަލުތައް ދަނީ ހިންގަމުން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މުޒާހަރާތަކުގެ ބައިވެރިން އަމަލުތައް ހުންނަ ގޮތުން އެ މުޒާހިރާތަކާއި އެއްވުންތަކަކީ ޞުލްޙަވެރިކަމާ އެކު ކުރިޔަށް ގެންދެވޭ ޙަރަކާތްތަކެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.