16 Feb 2013, 09:49
ފާއިތުވި 2012 ވަނަ އަހަރަކީ ނޫސްވެރިންނަށް އެންމެ ނުރައްކާތެރި އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް މިފަހަކަށް އައިސް އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އަހަރު ކަމަށް ނޫސްވެރިންގެ ޙިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ކޮމިޓީން ބުނެފި އެވެ.
އެކޮމިޓީ ބުނި ގޮތުގައި 2012 ވަނަ އަހަރު ވަނީ ރެކޯޑް ޢަދަދަކަށް ނޫސްވެރިން މަރާލެވި އަދި ޖަލަށް ލެވިފަ އެވެ. މިގޮތުން 2012 ވަނަ އަހަރު ދުނިޔޭގެ ކަންކޮޅުތަކުގައި 70 ނޫސްވެރިއަކު މަރާލެވިފައިވާ އިރު މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރާލާފައި ވަނީ ނޫސްވެރިން މެރުމުގެ ރޭވުމުގެ ދަށުން ގަސްދުގައި ކަމަށްވެސް އެކޮމިޓީން ބުނެ އެވެ. ދެ ހާސް އެެގާރަ ވަނަ އަހަރު ޖަލަށްލެވުނު ނޫސްވެރިންގެ ޢަދަދަކީ 179 އެވެ. ނަމަވެސް 2012 ވަނަ އަހަރު ޖަލަށްލެވުނު ނޫސްވެރިންގެ ޢަދަދު ވަނީ 232 އަށް މައްޗަށް ގޮސްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނޫސްވެރިންގެ ޙިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ކޮމިޓީގެ ނައިބު ރައީސް ރޮބް މެހެއުނީ ވިދާޅުވި ގޮތުގައި 2012 ވަނަ އަހަރު މަރާލެވުނު ނޫސްވެރިންނާއި ޖަލަށް ލެވުނު ނޫސްވެރިންގެ ތެރޭގައި ގިނައީ ދުނިޔޭގެ އެކިގައުމުތަކުގައި ލޯކަލް ޚަބަރުތައް ކަވަރުކުރަން ޙަރަކާތްތެރިވި ނޫސްވެރިންނެވެ. ޚާއްސަކޮށް ކޮރަޕްޝަނުގެ ޢަމަލުތަކާއި ލޯކަލް ޕޮލިޓިކްސްގެ ކަންތައްތަކާއި ޑްރަގް ވިޔަފާރީގެ ސިއްރު ޙަރަކާތްތަކުގެ ހަޤީޤަތްތައް ހޯދައި ބޮޑެތި ސިއްރުތައް ބޭޒާރުކޮށް ރިޕޯޓްތަކުގެ ގޮތުގައި ލިޔެ ހާމަކުރި ނޫސްވެރިންނެވެ. މިފަދަ ނޫސްވެރިންނަކީ ބޮޑެތި ނިއުސް ޗެނެލްތަކަށް ނިސްބަތްވާ ބަޔަކަށްނުވާތީ މިފަދަ ނޫސްވެރިންގެ މަރުގެ މައްސަލަތައް ވެސް އެދެވޭގޮތުގައި ތަޙްޤީޤް ކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން 2012 ވަނަ އަހަރު އެންމެ ގިނައިން ނޫސްވެރިން މަރާލާފައި ވަނީ ސޮމާލިޔާގަ އެވެ. ދެން ޕާކިސްތާނާއި ބްރަޒީލް ގަ އެވެ. އެއަށް ފަހު މަސްތުވާތަކެތީގެ ގޭންގްތަކުގެ ބާރުގަދަ ލެޓިންއެމެރިކާގެ ބައެއް ގައުމުތަކުގަ އެވެ. މީގެތެރެއިން ސޮމާލިޔާއާއި ޕާކިސްތާނަކީ އަހްލީ ހަނގުރާމަ ހިނގާ ދެގައުމެވެ. ބްރަޒިލް އާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކަކީ ގޭންގް ގްރޫޕްތަކުގެ ބާރުގަދަ ގައުމުތަކެވެ. (އަލްޖަޒީރާ)