ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ވާހަކަފުޅު ދައްކަވައިފި އެވެ.

ކޮމަންވެލްތުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ، ރައީސް ވަހީދުއާ ފޯނުން ގުޅުއްވައިގެން ބިނާކުރަނިވި މަޝްވަރާއެއް ކުރައްވާފައިވާ ކަމަށާއި ޝަރުމާ އެކަން ބަލައިގަންނަވާ ކަމަށެވެ.

ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ ހުރިހާ ޕާޓީތަކުން ބައިވެރިވާ އިންތިހާބަކަށްވުމަކީ ގައުމީ ގޮތުން މުހިއްމުކަމެއް ކަމާއި އެފަދަ އިންތިހާބެއް ބޭއްވުމަށް ޓަކައި ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް އެޕާޓީއަކުން އިހުތިޔާރު ކުރާ ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު އޮންނަން ޖެހޭނެކަން، ރައީސް ވަހީދުއާ ކުރެއްވި މަޝްވަރާގައި ޝަރުމާ ފާހަގަ ކުރެއްވި ކަމަށް ކޮަމަންވެލްތުގެ ބަޔާނުގައިވެ އެވެ.

ރާއްޖެއާ އެކު މަސައްކަތް ކުރަން ކޮމަންވެލްތު އޮތީ ތައްޔާރަށް ކަމާއި ރާއްޖޭގެ ޑިމޮކްރެޓިކް އިންސްޓްޓިއުޝަންތައް ހަރުދަނާ ކުރުމާއި އިލެކްޝަން ކޮމިޝަނުން އެކޮމިޝަނުގެ ޒިންމާ އަދާކުރުމަށް އެހީތެރިވާން އޮތްކަން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އަނެއްކާ ވެސް ފާހަގަ ކުރައްވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ މެދު ބައިނަލް އަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.