10 Oct 2010, 10:12
ކުރީގެ ރައީސް މައުމޫންއަބްދުލް ގައްޔޫމުގެ މައްޗަށް ދައުވާ ކުރުމަށް، ތަހުގީގު ކޮށްދިނުމަށް އެދި މަޝްހޫރު ތާރީހު ލިޔުންތެރިޔާ އަހުމަދު ޝަފީގު ފުލުހުންނަށް ހުށަހަޅާ މައްސަލަތައް ފުލުސް އޮފީހުގައި ހިންގާނެ ކަމަށާއި އެ މައްސަލަތައް ނުހިނގާ ނަމަ ފުލުސް އޮފީސް ވެސް ނުހިނގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަހުމަދު ޝަފީގު، 21 އޭޕްރީލް 1995 ގައި ހައްޔަރު ކުރި ހާދިސާގެ ވާހަކަތައް އޭނާ ލިޔުއްވާފައިވާ "އަހުމަދު ޝަފީގުގެ ހަޔާތުން ދުވަހެއް" މި ފޮތާއި އޭނާގެ ކުރު ވާހަކަތަކުގެ އެއް ވަނަ ބައި މިއަދު ނެރެދެއްވުމަށް ފަހު ރައީސް ވިދާޅުވީ ޝަފީގުގެ ޑައިރީތަކުގައި ބަޔާންކުރާ، މަރާލާފައިވާ 111 މީހުންގެ މައްސަލަ އާއި އަދި ޝަފީގުގެ ހައްޔަރާ ގުޅިގެން ހުށަހަޅާ މައްސަލަތައް ފުލުހުން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"ޝަފީގުގެ މައްސަލަތައް ފުލުސް އޮފީހަށް ހުށަހެޅުނީމާ ތަހުގީގު ކޮށްދެވޭނެ. އެކަން ހިނގާނެ އަޅުގަނޑު އެ މައްސަލަތައް ތަހުގީގު ކުރުވާނަން. އެކަން ހިނގާނެ އެކަން ނުހިނގައެއް ފުލުސް އޮފީހެއް ނުހިނގާނެ،" ރައީސް ވިދާޅުވި އެވެ.
ޝަފީގު ތަހުގީގު ކުރަން ބޭނުފުޅުވާ މައްސަލަތައް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅުމުން ބަލައި ދީފައި ނުވާތީ އެ ކޮމިޝަނަށް ވެސް ރައީސް ވަނީ މިއަދު ފާޑުވިދާޅުވެފަ އެވެ. ވިދާޅުވީ ރާއްޖޭގައި ހިންގާފައިވާ ޖަރީމާތައް ހިއުމަން ރައިޓްސް ކޮމިޝަނުން، ގަވައިދުގެ އަކުރެއްގައި ހިފައި، ތަހުގީގުނުކޮށް ތިބެގެން އެއްވެސް ކަމެއްގައި ރަނގަޅު ކުރެވޭނެ އިންސާނީ ހައްގެއް ނޯނާނެ ކަމަށެވެ.
"އެކަންކަމުގެ ތަހުގީގު ނުކޮށް އަޅުގަނޑަކަށް ނުވިސްނޭ ކިހިނެއް ކަމެއް ރާއްޖޭގައި އިންސާނީ ހައްގު ރައްކާކުރާނެ ގޮތެއް،" ރައީސް ވިދާޅުވި އެވެ.
ޝަފީގު ހައްޔަރުކޮށް ނައްތާލާފައިވާ ކަމަށް ބުނާ އޭނާގެ ޑައިރީތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ޑައިރީތައް ފުލުސް އޮފީހުގައި ހުރިތޯ ބެއްލެވި އިރު އޭގެތެރެއިން ފެނުނު ޑައިރީތައް ޝަފީގާ ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ބައިވަރު އިތުރު ލިޔުންތައް ހޯއްދަވަމުން ގެންދަވާ ކަމަށެވެ.
"ނައްތާލި ކަމަކަށް ސީދާ އެއްވެސް ބޭފުޅަކު ވިދާޅެއް ނުވޭ ފުލުސް އޮފީސްތެރެއަކުން ވެސް. ނައްތާލަނިކޮށް ދުތް މީހަކު ނެތް. ކުނި ކޮއްޓާ ހަވާލުވެ ހުންނަ މީހާ ގެނެސްގެން ވެސް އަޅުގަނޑު އަހައިފިން އަންދަނިކޮށް ދުށީން ހެއްޔޭ؟ އަންދާލިއްޔާ ކުނިކޮއްޓަށް ނުގެންގޮސް ވަކި ބޭފުޅަކު ލައިޓަރު އަޅައިގެން އެކަންކޮށްފައި ވާނީ،" ރައީސް ވިދާޅުވި އެވެ.