16 Feb 2013, 09:35
ރާއްޖޭގެ ވެރިކަން މިދިޔަ އަހަރު ބަދަލުވުމާ އެކު އާ ސަރުކާރު އެންމެ ފުރަތަމަ ބަލައިގަތީ އަވަށްޓެރި އިންޑިއާ އިންނެވެ. ދުނިޔޭގެ އެހެން ގައުމުތަކުން އެކަމުގައި ބެލީ އިންޑިއާ އިން އަމަލުކުރި ގޮތަށެވެ.
އިންޑިއާ އިން އޭރު އެކަން އެހެން ކުރި އިރު ބުނި އެންމެ މުހިއްމު ވާހަކައަކީ، "ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ރާއްޖެއާ އެކު އިންޑިއާ އިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭ" ވާހަކަ އެވެ. އެކަން އިތުރަށް ސާފުވީ އެ ދުވަސްވަރު އިންޑިއާ ހައިކޮމިޝަނަަށް ދިއުމުން އެތަނުގެ ފަސްޓް ސެކްރެޓަރީ ވިދާޅުވި ވާހަފުޅުންނެވެ.
"ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ރާއްޖެއަކީ، ސަލާމަތީ ގޮތުން އިންޑިއާ އަށް މަލިކުހާ މުހިއްމު ތަނެއް ރާއްޖެއާ އެއްވެސް ހާލަތެއްގައި ގުޅުން ކެނޑިފައި އޮތުމަކީ އިންޑިއާ އަށް އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އިންޑިއާ އިން އޭރު އެބުނި ސަބަބު އަދި ވެސް އެގޮތުގައި ދެމި އެބަ އޮތެވެ. އެހެން އެކަން އޮއްވައި އިންޑިއާ ރާއްޖޭގެ ގުޅުމަށް ވަނީ އެތައް އެތައް ލޮޅުމެއް އަރައިފަ އެވެ.
ފުރަތަމަ ކަމަކަށް ދިމާވީ އިންޑިއާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ޖީއެމްއާރު އިންފްރާ ސްޓްރަކްޗާ ލިިމިޓެޑަށް ކުއްޔަށް ދީފައި އޮތް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ދިވެހި ސަރުކާރުން އަތުލީ ވަަރަށް ހަޑިކޮށެވެ. ސަރުކާރަށް އެކަން ރީތިކޮށް އޮމާންކަމާ އެކު ކުރެވެން އޮއްވައިމެ، ސަރުކާރުގެ އެތައް ބޮޑުންނެއް ބައިވެރިވެގެން އެކަމުގައި ބޭކާރު މުޒާހަރާތަކެއް ކުރީ އެވެ. އެކަމުގެ ތެރޭގައި ނުދައްކަންވީ އެތައް ވާހަކައެއް ދެއްކީ އެވެ.
"ދިވެހި ސަރުކާރަށް އެކަން އެއަށް ވުރެ ރީތިކޮށް، ކުރެވޭނެ، އެއީ ވިޔަފާރީގެ އެއްބަސްވުމެއް، ވިޔަފާރި އުސޫލުން އެ އެއްބަސްވުން އުވާލެވޭނެ، އިންޑިއާ އިން ކަންބޮޑުވަނީ އެކަމުގައި އަމަލުކުރި ގޮތުން،" ހައިިކޮމިޝަނުގެ
އޮފިޝަލަކު އޭރު ވިދާޅުވި އެވެ.
އިންޑިއާއަކީ އަބަދުވެސް އަވަށްޓެރިންނާ މެދު ޝައްކުގެ ނަޒަރަކުން ބަލާ ބައެކެވެ. އެހެންވެ، ޖީއެމްއާރު އެއްބަސްވުން އުވާލުމާ އެކު އެ މައްސަލައާ މެދު އެގައުމުން ބަލަމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. އެކަމުގައި ވާދަވެރި ގައުމު "ޗައިނާގެ އަތެއް ވެދާނެ ކަމަށް" އިންޑިއާ އިން ދުށްޓެވެ. އިންޑިއާގެ އެކި އެކި ސްޓްރެޓެޖިކް މާހިރުންނާ ހަވާާލާދީ އެގައުމުގެ ނޫސްތަކުގައި އޭރު އެގޮތަށް އެވާހަކަ އޮތީ ދައްކަން ފަށާފަ އެވެ.
އެމީހުންގެ ޝައްކަށް އިތުރު ބާރެއް ލިބުނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް ނާޒިމު ޗައިނާ އަށް ކުރެއްވި ކުއްލި ދަތުރުފުޅުންނެވެ. މިހާރު ކުރިމަތިވެގެން މިއުޅޭ މައްސަލައިގާ އިންޑިއާގެ މަޝްހޫރު ޓައިމްްސް ނައު ޓީވީގައި އިއްޔެ ކުރި ބަހުސްގައި އެގައުމުގެ މާހިރުން އެންމެ ބާރަށް ދެއްކި އެއް ވާހަކައަކީ އެ އެވެ.
މިކަންތައްތަކުގެ ސަބަބުން އުފެދުނު ޝައްކުތަކުގެ ތެރެއިން އިންޑއާގެ މީޑިއާ އިން އެގައުމުގެ ސަރުކާރަށް ޕްރެޝަރު ކުރަމުން ދިޔައީ ދިވެހި ސަރުކާރާ މެދު އެހެން ގޮތަކަށް ދެކި، އެހެން ގޮތަކަށް އަމަލު ކުރަން ޖެހޭ ކަމުގެ މައްޗަށެވެ.
އިންޑިއާގެ އެންމެ ބޮޑު ނޫސް "ދަ ހިންދޫ"ގައި މިދިޔަ ޖެނުއަރީ މަހު ލިޔެފައި އޮތް ލިއުމެއްގައި ވަނީ ޗައިނާ އިން އިންޑިއާ ކަނޑަށް އަތްގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހި ރާއްޖެއާ އެކު މާ ގާތް ގުޅުމެއް އުފެއްދި އިރު އިންޑިއާ އިން ނުވިސްނައި އޮތް ކަމަށާއި އަދި ވެސް އެންމެ ބުއްދިވެރި ގޮތަކީ ރާއްޖެއާ އެއު ވާހަކަ ދައްކައިގެން ގާތްކަން އުފެއްދޭތޯ ބެލުން ކަމަށެވެ.
ދަ ހިންދޫގައި ޝާއިއު ކުރި އެހެން ލިއުމެއްގައި ވަނީ ރާއްޖެއާ އެކު އިންޑިއާ އިން އަދިވެސް މަސައްކަތް ކުރާ ކަމަށާއި އެހެން ނަމަވެސް އިންޑިއާ އޮތީ ހަރަކާތެއް ނެތް، ދިރުމެއް ނެތް ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބު އޮމާންކަމާ އެކު ގެންދިއުމަށް އިންޑިއާ އިން އެހީތެރިވާނެ ކަމަށާއި އިންޑިއާ އިން ރާއްޖެއާ އެކު އެންގޭޖްވާނެ ކަމަށެވެ.
އިންޑިއާ އިން މިހާރު އަމަލުކުރަމުންދާ ގޮތާ އެގައުމުން ދައްކަމުންދާ ވާހަކަތަކަށް ބަލާ އިރު އިންޑިއާ އިން ރާއްޖޭގެ ކަންތައްތަކާ މިވަނީ މާބޮޑަށް އުޅެން ފަށައިފަ އެވެ. އެހެންވެ، އެއީ ރިޔާސީ އިންތިހާބު އަންނާތީ އިންޑިއާ އިން އެބުނާ އެންޖޭޖް ވުމުގެ ކަންތައްތައް ކަމަށް ވެދާނެ އެވެ.
ރާއްޖެ އިން ޗައިނާ އާ އެކު މާ ބޮޑު ގުޅުމެއް އުފައްދާ ކަމަށް އިންޑިއާ އަށް ހީވަނީ، ފަހަރުގައި ޝައްކުގެ ނަޒަރުން ބަލާތީ ކަމަށް ވެދާނެ އެވެ. ރާއްޖޭގެ އޮފިޝަލުން ވިދާޅުވާ ގޮތުން ނަމަ ޗައިނާ އާއި ރާއްޖެ އާ ދެމެދު އޮތީ ޒަމާންވީ، އެހެން ގައުމުތަކާ އެކު ވެސް އޮންނަ ފަދަ ގުޅުމެކެވެ. އެ ގައުމުން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް "އަތްބާނަން" އުޅޭ ތަނެއް ނުފެނެ އެވެ.
އިންޑިއާ އަކީ ރާއްޖެއާ އެންމެ އަވަށްޓެރި ގައުމެވެ. އަދި ރާއްޖެ އަށް ޖެހޭ ބޮޑެތި ކަންކަމުގައި އެހީވެސް ވާ ގައުމެވެ. ނަމަވެސް އިންޑިއާ އިން ވެސް ރާއްޖެއަކީ މުސްތަގިއްލު ގައުމެއްކަން ދަންނަން ޖެހެވެ. ރާއްޖެ އޮތް ތަނުގެ ގޮތުން އިންޑިއާ އަށް ރާއްޖެއާ އެކު ގާތް ގުޅުމެއް ބޭއްވުމަކީ އެ ގައުމުގެ މަސްލަހަތު އޮތްގޮތް ވެސްމެ އެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ކަމަކަަށް އަތް ނުބާނަން އިންޑިއާ އަށް އެނގެން ޖެހެ އެވެ. ދެ ގައުމަށް ވެސް އެއް ގައުމު އަނެއް ގައުމު މުހިންމެވެ. ޑިޕޮލަމެޓިކް ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަން ޖެހެ އެވެ.