ރަޝިޔާގެ މެދުތެރޭގައިވާ ސައިބީރިއާގެ އާބާދީ މަދު ސަރަހައްދަކަށް މިއަދު ގިނިހިލައެއްގެ ބައެއް ވެއްޓުމުގެ ސަބަބުން 950 މީހުން ޒަހަމްވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ރަޝިޔާގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ ދުނިޔޭގެ އެޓްމޮސްފިއާގެ ތިރީގައި ކޮންމެވެސް ވަރަކަށް އެނދި ގިނިހިލައިން އަލިފާން ގުޅަތައް އެސަރަހައްދަށް ފޭބުމުގެ ސަބަބުން އޭރިއަލްކޮށް ގޮވުންތައް ގޮވައި، ގެތަކުގެ ކުދި ދޮރުތަކުގެ ބިއްލޫރިތައް ހަލާކުވެ ބައެއް ކާރުތަކަށް ގެއްލުންތައް ލިބުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން މީހުން ޒަހަމްވި ކަމަށާއި ގިނިހިލައިގެ ބައެއް ވެއްޓުމުގެ ސަބަބުން ވަޅުގަނޑެއް ވެސް ހެދިފައިވާ ކަމައަށް ރަޝިއާ އިން ބުންޏެވެ.

ޗެލިޔަބިންސްކް ނަަމަކަށް ކިޔާ އެސަރަހައްދުގެ އާއްމުން ބުނި ކަމަށް ނޫސްތަކުގައި ވަނީ ބާރުގަދަ އަޑެއް އިވުމަށް ފަހު ވަރަށް ގަދަ އައްޔެއް ފެނުނު ކަމަށާއި އެއަށް ފަހު ކަރަންޓް އައުން ފަދަ ކަމެއް އިހުސާސް ކުރެވުން ކަމަށެވެ.

ޗެލިޔަބިންސްކް ސަރަހައްދުގެ މަތިން ދަތުރުކުރި އެ ގިނިހިލަ ދިޔަ ރޮނގު ދުން ގަނޑެއްގެ ގޮތުގައި 200 ކިލޯމީޓަރަށް ވުރެ ދުރަށް ފެންނަން ހުއްޓެވެ.

ގިނިހިލައިގެ ބައެއް ވެއްޓުނު ޗެލިޔަބިންސްކްސް ސަރަހައްދަކީ ގިނަ އަދަދެއްގެ ފެކްޓްރީތަކާއި ނިއުކްލިއަ ޕަވަ ޕްލާންޓެއްގެ އިތުރުން އެޓޮމިކް ވޭސްޓް ސްޓޯރޭޖެއް ހުންނަ ސަރަހައްދެކެވެ. އެ ސަރަހައްދަކީ ރަޝިޔާގެ ސިނާއީ ސަރަހައްދުގެ މެދުތެރެ އެވެ.

"2012 ޑީއޭ 14"ގެ ނަން ދީފައިވާ ކުޑަ ގިނި ހިލައެއް ދުނިޔޭގެ ވަރަށް ކައިރިން މިއަދު ދަތުރުކުރާނެ ކަމަށް މީގެ ކުރިން އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފައިވާ ނަމަވެސް، ސައިބީރިއާ އަށް ވެހުނު "އަލިފާން ވާރޭ" އާ "2012 ޑީއޭ 14" ދެމެދު އެއްވެސް ގުޅުމެއްވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ކަށަވަރުވެފައެއްނުވެ އެވެ.

ނާސާ އިން ބުނެފައިވަނީ "2012 ޑީއޭ 14" ދުނިޔޭއާއި ވަރަށް ކައިރިން ދަތުރުކުރި ނަމަވެސް، ދުނިޔެއަށް ވެއްޓުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.