އެމްޑީޕީން މިރޭ މާލޭގައި ކުރަމުންދާ މުޒާހަރާގައި އޯކިޑް މަގުގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ވައްޓާލައި، އެ މަގުން އުތުރަށް ދާން އުޅުމުން ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެއްޖެ އެވެ.

"ރައީސް ނަޝީދުގެ ހިމާޔަތުގައި" އެމްޑީޕީން މިރޭ މާލާގައި ފެށި މުޒާހަރާގައި އޯކިޑްމަގު، ސަލްސާ ރޯޔަލް ސަރަހައްދުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ގަލާއި ފުޅި ފަދަތަކެތި އުކައިފަ އެވެ. ހަމަނުޖެހުން ހިނގަން ފެށުމުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރުދީފަ އެވެ. ނަމަވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން 15 ވަރަކަށް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގައި ހިމެނިވަޑައިގެންނެވި ގަހާ ސައިދު ވެސް ހައްޔަރުކޮށްފައިވެ އެވެ.

މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ތިން ފުލުހަކަށް އަނިޔާވެފައިވާ އިރު ސިފައިންގެ މީހެއްގެ ބޮލުގައި ގަލަކުން ޖަހައި ވަނީ ޒަހަމުކޮށްލައިފަ އެވެ. ސިފައިން ބުނީ އެ ހަމަލާގައި ޒަހަމްވި ސިފައިންގެ މީހާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

ފުލުހުންގެ ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ހަމަނުޖެހުން ހިނގި ސަރަހައްދުން ދުރަށް ޖައްސައިފަ އެވެ.

ގިނަ ބަޔަކު ބައިވެރިވި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ވެހިކަލްތަކަށާއި އާންމުންގެ ބައެއް ވެހިކަލްތަކަށް ގެއްލުންވެފައިވެ އެވެ. އަދި އޯކިޑްމަގުގައި ހުންނަ ގައުމީ އިއްތިހާދު ޕާޓީގެ ޖަގަހަ އަށް އެމްޑީޕީގެ ސަޕޯޓަރުންތަކެއް ގެއްލުންދީފައިވެ އެވެ.

މިރޭގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މުޒާހަރާގައި ހަރަކާތްތެރިވަމުންދާ ސަންގެ ނޫސްވެރިޔާ ބުންޏެވެ.

އެމްޑީޕީގެ މިރޭގެ މުޒާހަރާގައި ގައުމީ އިއްތިހާދު ޕާޓީގެ ޖަގަހަޔަށް ހަމަލާދިނުމުން އެ ޕާޓީގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ އެ ޕާޓީގެ ޖަގަހަޔަށް ދިން ހަމަލާގައި ބައެއް އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުންދީފައިވާ ކަމަށެވެ. އަދި އެ ވަގުތު ޖަގަހަގައި ތިބި އެ ޕާޓީގެ ތިން މީހަކަށް ބިރުދައްކައި ހަދާފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ސަޕޯޓަރުންގެ ފަރާތުން މިރޭ ފެނުނު ނާތަހުޒީބީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ޕާޓީން ބުންޏެވެ.