އެެމްޑީޕީން ރޭ ސޯސަންމަގުގައި ކުރި މުޒާހަރާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރު އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) ވަޑައިގަންނަވަނިކޮށް އޭނާ އަށް ހަމަލާ ދީފައި ވާތީ އެކަން ގައުމީ އިއްތިހާދުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނޫސް ބަޔާނެއް ނެރެފި އެވެ.

އަހަންމައިދީ އަށް ބަޔަކު މީހުން ހަމަލާދީފައި ވަނީ ރޭ 12:00ގެ ފަހުން އެެމްޑީޕީ މީހުން މުޒާހަރާ ކުރަމުންދިޔަ މަޖިދިއްޔާ ސްކޫލް ކަންމަތީން ސައިކަލްގައި ވަޑައިގަންނަވަނިކޮންނެވެ. އެ ތަނުގައި ތިބި މީހުން އޭނާ އަށް އެކި ގޮތްގޮތުން އަނިޔާކުރުމަށް މަސަކަތްކޮށްފައިވާ ކަމަށް ރޭ އޭނާ ވަނީ ވިދާޅުުވެފަ އެވެ.

ގައުމީ އިއްތިހާދުގެ ފަރާތުން އެ ހަމަލާ ކުށްވެރިކޮށް މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އިންސާނީ ކަރާމަތަށާއި މީހުންގެ ޖާނާއި މުދަލަށް ގެންލުންދޭ އެފަދަ ދަށު ދަރަޖައިގެ ޑިމޮކްރެސީގެ އަސާސްތަކާ ޚިލާފް އަމަލުތައް އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ރޭ އެތަނުގައި ތިބި މީހުން އެ މަނިކުފާނަށް ހަމަލާދީ ޖިސްމާނީ ގޮތުން ގެއްލުން ދީފާވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ ދަށުން އެންމެންނަށް އެއްވެ އުޅުމުގެ ހައްގު ލިބިފައިވާ ފަދައިން، އެންމެންނަށް މަގުމަތި ބޭނުން ކުރުމުގެ ހައްގު ވެސް ލިބިގެންވާ ކަމަށެވެ.

ސޯސަންމަގުގައި އެމްޑީޕީން ބާއްވަމުން އަންނަ މުޒާހަރާތެރެއިން ރޭގައި ވެސް ވަނީ ފުލުހުން ބަހައްޓާފައިވާ ހުރި ބެރިކޭޓްތައް އުކާލައި ފުލުހުންނަށް ހަމަލާދީފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު ރޭ ވަރަށް ދަންވުމާ ހަމަ އަށް މުޒާހަރާ ކުރިއަށް ގެންގޮސްފައިވެ އެވެ.