އެޕަލް ކުންފުންޏަކީ އާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދުތަކަށް ބަލާ އިރު، ޓެކް ކުންފުނިތަކުގެ އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ.

މެކް ސިސްޓަމްތައް ތަރައްގީކުރުމަށް އުފެއްދި ކުންފުނި، އާއްމުންގެ ތެރޭގައި މިހާރު އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައި ވަނީ އެ ކުންފުނީގެ ސްމާޓް ޑިވައިސްތައް މެދުވެރިކޮށެވެ. އެޕަލްގެ އައިޕޮޑާއި އައިފޯނު އަދި އައިޕެޑަކީ މިފަހަކަށް އައިސް ސްމާޓް ޑިވައިސްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެންމެ މޮޅެތި ޑިވައިސްތަކަށް ވަނީވެފަ އެވެ.

އެންމެ ފަހުން އެޕަލްއާމެދު ފެތުރިގެން އުޅޭ އަޑަކީ އެކުންފުނިން އާ ސްމާޓް ޑިވައިސެއް ތަރައްގީކުރަން ތައްޔާރުވަމުންދާ ވާހަކައެވެ. މިފަހަރުގެ ޑިވައިސްއަކީ އަތުކުރީ ގަޑިއެކެވެ.

އެމެރިކާގެ މަގުބޫލު މެގަޒިންތަކާއި، ވެބްސައިޓްތަކުން އަންނަނީ އެޕަލްގެ ތެރެއިން "ލީކުވެފައިވާ" މައުލޫމާތު ކަމަށް ބުނެ، އެކި ޒާތުގެ ވާހަކަތައް ފަތުރަމުންނެވެ.

އެންމެ ފަހުގެ ހަބަރަކީ ބްލޫމްބާގް ޑޮޓް ކޮމްގައި ޝާއިއު ކޮށްފައިވާ ހަބަރެކެވެ. އެޕަލްއިން އަތުކުރީ ގަޑިއެއް ތަރައްގީކުރުމަށް 100 މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޓީމަކާއެކު މަސައްކަތް ފަށާފައިވާ ކަމަށް އެ ހަބަރުގައި ބުނެފައި ވެއެވެ.

މިހާރު ބާޒާރުގައި ލިބެން ހުރި އަތުކުރީ ގަޑިތަކަށް ވުރެ މޮޅު ގަޑިއެއް މީގެ ކުރިން ބޭނުންވެފައި ނުވާ، އެޕަލްގެ ކަސްޓަމަރުންގެ ސިކުނޑިތަކުގައި ސްމާޓް ގަޑިއެއް އަތުކުރީގައި އަޅާލުމުގެ ހުވަފެން މިހާރު އެނބުރެމުންދާ ކަމަށް ސީއެންއެން އިން ބުނެއެވެ.

އެޕަލްއިން ގަޑިއެއް ތަރައްގީ ކުރާނަމަ، މިއީ އާދައިގެ ގަޑިއަކަށް ވެގެންނެއް ނުދާނެ އެވެ. މޯބައިލް ކޮމްޕިއުޓިންގެ ރޮނގުން ދުނިޔެ ހޯދާފައިވާ ކުރިއެރުންތަކާ އެކު މިގަޑި ވެގެންދާނީ އެޕަލްގެ އައިފޯން ނުވަތަ އައިޕެޑު ފަދަ ވަރުގަދަ ސްމާޓް ޑިވައިސް އަކަށް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ސްމާާޓް ޑިވައިސްއެއްގެ ގޮތުގައި އަތުކުރީ ގަޑިއެއް ތަރައްގީ ކުރުމަކީ އާ ވާހަކައެއް ނޫނެވެ. މީގެ ކުރިންވެސް ޓެކް ކުންފުނިތަކުން ވަނީ އަތުކުރީ ގަޑީގެ ގޮތުގައި ސްމާޓް ޑިވައިސްތައް ތަރައްގީ ކޮށްފައެވެ.

އެހެންނަމަވެސް މިހާރު ބާޒާރުގައި ލިބެންހުރި މިފަދަ ޑިވައިސްތައް ވެފައިވަނީ، އެޕަލްގެ އައިފޯން ނުވަތަ ސެމްސަންގެ ގެލެކްސީ ފޯނުތަކާއި ބުލޫޓޫތުން ގުޅުވައިގެން ބޭނުންކުރެވޭ "އެކްސެސަރީ" ޑިވައިސްތަކަކަށެވެ.

ބުލޫޓޫތުގެ އެހީގައި ސްމާޓް ފޯނު މެދުވެރިކޮށް މަސައްކަތްކުރާ ޑިވައިސްއެއްގެ ބަދަލުގައި އެޕަލްއިން ތަރައްގީ ކުރަމުންދަނީ އައިޕޮޑް ފަދައިން އޭގެ އަމިއްލަ ޕްލެޓްފޯމުގައި މަސައްކަތްކުރާނެ ސްމާޓް ޑިވައިސްއެއް ކަމަށް އެޕަލްގެ ފަރާތްތަކާއި ހަވާލާދީ ބުލޫމްބާގްއިން ބުނެއެވެ.

ކޮންމެ މީހެއްގެ އަތުގައިވެސް މިހާރު އޮންނަ ފޯނުން ގަޑީ އެނގެން ފެށުމާއެކު، އަތުކުރީ ގަޑީގެ ޑިމާންޑު ކުޑަވެގެން ގޮސްފައިވާ ނަމަވެސް، އަތުކުރީ ގަޑިއަކަށް ސްމާޓް ޑިވައިސްއެއް ފަދައިން، ސެންސާތަކާއި، ބުލޫޓޫތާއި ވައި-ފައި ފަދަ ކަނެކްޓިވިޓީ އޮޕްޝަންސް ދިނުމުން އެގަޑި ވެގެންދަނީ އަތުކުރީގައި އަޅާލެވޭނެ ކުޑަ ކޮމްޕިއުޓަރަކަށެވެ.

ސްމާޓް ގަޑިއެއް ތަރައްގީކުރުމުގެ ރޭހުގައި އެޕަލްއަށް ވުރެއް ކުރީގައި އުޅެނީ ގޫގަލްއެވެ. ގޫގަލް ގުލާސަސް ގެ ނަމުގައި އެކުންފުނިންވެސް ދަނީ ސްމާޓް އަތުކުރީ ގަޑިއެއް ތަރައްގީކުރަމުންނެވެ.