15 Feb 2013, 16:13
އިންޖީނު ރޫމުގައި ރޯވެ، އިންޖީނު ހުއްޓުމުގެ ސަބަބުން ހާލުގައި ޖެހުނު އެމެރިކާ ޕަސިންޖާލައިނާ "ކާނިވަލް ޓްރަޔަމްފް" އެމެރިކާގެ އަލަބަމާގައި ބަނދަރުކޮށްފި އެވެ.
އިންޖީނު ހުއްޓުމުގެ ސަބަބުން، ކަރަންޓާއި ރަނގަޅު ނަރުދަމާ ނިޒާމަކާއި ނުލާ ޕަސިންޖާލައިނާގެ ތެރޭގައި ހަ ދުވަސް ހޭދަކުރުމަށް ފަހު ސަލާމަތްވި 4000 އަށް ވުރެއް ގިނަ މީހުންގެ ތެރޭގައި 3000 ޓޫރިސްޓުން ހިމެނެ އެވެ. ޕަސިންޖާލައިނާގައި ޗުއްޓީ ހޭދަކޮށްލަން ދިޔަ އެ ޓޫރިސްޓުންގެ ޗުއްޓީ ހަރާބުވެގެން ދިޔަ މިންވަރު، އެމީހުން ވަނީ މީޑިއާއާ ހިއްސާކޮށްފައިވެ އެވެ.
ބައެއް ޓޫރިސްޓުންނާ ހަވާލާދީ ސީއެންއެން އިން ބުނެފައި ވަނީ ކަރަންޓު ނެތުމުގެ ސަބަބުން ކަނު އަނދިރީގައި ހަ ދުވަސް ހޭދަކޮށްފައިވާ އިރު، ފާހަނާކުރުމަށް ފަހު ފާހަނާ ފުލަޝް ނުކުރެވުމުގެ ސަބަބުން މުޅި ޕަސިންޖާލައިނާގެ ތެރޭގައި ނަޖިހުގެ ވަސް ފެތުރިފައިވާ ކަމަށެވެ.
އަލަބަމާގެ މޯބައިލް ބަނދަރަށް "ކާނިވަލް ޓްރަޔަމްފު" ޓަގު ބޯޓުގައި ވެއްދި އިރު، ޕަސިންޖާލައިނާގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޓޫރިސްޓުންގެ އާއިލާތަކާއި ގާތް މީހުން ވަނީ އެމީހުންނަށް މަރުހަބާ ކިޔުމަށް ބަނދަރު ދޮށަށް ޖަމާވެފަ އެވެ.
ޓޫރިސްޓުން އެނބުރި އާދެވުމުން އުފާ ވެފައިވީ ނަމަވެސް އެމީހުންގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ކާނިވަލްއިން ކަންކަން ރަނގަޅަށް ސާފުކޮށްދީފައި ނުވުމެވެ.
"ރަނގަޅަށް ސާފެއް ނުވޭ ދެން ވާނެ ގޮތެއް. ކަރަންޓް ނެތުމުން ފުލަޝްކޮށްލާއިރަށް ހުރިހާ ނަޖިހެއް އެޅެނީ ފާހާނާ ތެރެއަށް. ފާހަނާގައި ފެންބޮޑުވެ، ހޯލުތައް ތެރެއަށް ވެސް ނަޖިސްތައް ފެތުރިގެން ދިޔަ." "ކާނިވަލް ޓްރަޔަމްފް"ގެ ނާކާމިޔާބު ދަތުރުގެ ބައިވެރިއެއް ކަމަށްވާ ނޯމާ ރޭއިސް ސީއެއެންއަށް މައުލޫމާތު ދެމުން ބުންޏެވެ.
އަނެއްކޮޅުން ކާނިވަލް ކުންފުނިން ވަނީ "ކާނިވަލް ޓްރަޔަމްފް"ގައި ދަތުރުކުރި ހުރިހާ ޓޫރިސްޓުންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި ޓޫރިސްޓުންގެ ފީތައް ރީފަންޑު ކުރާނެ ކަމަށް އެކުންފުނިން ބުނެ އެވެ.