15 Feb 2013, 15:30
އިޓަލީ ވިލާތުގެ ކުންފުންޏަކުން އިންޑިއާ އަށް 748 މިލިއަން ޑޮލަރުގެ ހެލިކޮޕްޓަރުތަކެއް ގަތުމުގައި ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެ ޕޭމަންޓް ހުއްޓުވައިފި އެވެ.
އިޓަލީވިލާތުގެ ފިންމެކޭނިކާ ކުންފުނިން ބައިނަލްއަގުވާމީ ބިޑުތައް ކާމިޔާބު ކުރުމުގައި ބޭރު ގައުމުތަކުގެ އޮފިޝަލުންނަށް ރިޝްވަތުދީ ހަދާފައިވާ ކަމަށް ތުހުމަތުކޮށް، އެ ކުންފުނިން ކާމިޔާބުކޮށްފައިވާ ބިޑުތައް ތަހުގީގުކުރުމުން އެބަދެ އެވެ.
އިޓަލީ އިން ފިންމެކޭނިކާގެ ސީއީއޯ ޖިއުސެއްޕޭ ރޮސީ ހައްޔަރުކުރުމާ އެކު، އިންޑިއާގެ ޑިފެންސް މިނިސްޓްރީ އިން ވަނީ، ފިންމެކޭނިކާގެ ސްބަސިޑައިރީއެއް ކަމަށްވާ އޮގަސްޓާ-ވެސްޓެލޭންޑުން ކާމިޔާބުކޮށްފައިވާ އިންޑިއާގެ ހެލިކޮޕްޓަރު ގަތުމުގެ ބީލަން ތަހުގީގުކުރަން ފަށައިފަ އެވެ.
އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (ސީބީއައި) އިން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ އިރު، އެ ބިޑަކީ އިންޑިއާގެ ވީވީއައިޕީ އިން އުފުލުމަށް ޓަކައި އިންޑިއާ އަށް ގަންނަން އިއުލާންކުރި 12 ހެލިކޮޕްޓަރުގެ ބިޑެކެވެ.
އިންޑިއާގެ ބައެއް ޓީވީ ޗެނަލްތަކުން ދަނީ އެ މައްސަލާގައި އިންޑިއާގެ ވައިގެ ސިފައިންގެ އިސްވެރިޔާ އެސްޕީ ތިޔާގީއާއި އޭނާގެ އާއިލާގެ ބޭފުޅުން ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތުކުރަމުންނެވެ. އިޓަލީ އިން ކުރި ތަހުގީގަށް ފަހު ތިޔާގީގެ ނަން ރިޝްވަތު ހިފި މީހުންގެ ތެރޭގައި ހިމަނާފައިވާ އިރު، ތިޔާގީ ވަނީ މިހާތަނަށް އެކަން ދޮގުކުރައްވައިފަ އެވެ.
ފިންމެނިކާގެ ސަބްސިޑައިރީ އޮގަސްޓާ-ވެސްޓްލޭންޑުގެ ސީއީއޯ ބުރޫނޯ ސްޕެނިއޯލިނީ ވެސް މިހާރު އިޓަލީ އިން ވަނީ ގޭބަންދުކޮށްފަ އެވެ.
އިންޑިއާގެ ރައީސާއި ބޮޑުވަޒީރު އަދި އެހެން ވީވީއައިޕީ ބޭފުޅުން އުފުލާ އިންޑިއަން އެއާފޯސްގެ ހާއްސަ ސްކޮޑަށް ބޭނުންވެގެން، އޭ ޑަބްލިޔު -101 މަރުކާގެ 12 ހެލިކޮޕްޓަރު ގަތުމަށް އޮގަސްޓާ-ވެސްޓްލޭންޑާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ.
ރިޕޯޓުތައް ބުނާ ގޮތުން، އެ 12 ހެލިކަޕްޓަރުގެ ތެރެއިން ތިން ހެލިކަޕްޓަރު މިހާތަނަށް އިންޑިއާއާއި ހަވާލުކޮށްފައިވާ އިރު، ބާކީ ހެލިކަޕްޓަރުތައް 2014ގެ ކުރިން ހަވާލުކުރުމަށް އޮގަސްޓާ-ވެސްޓްލޭންޑުން ވަނީ އެއްބަސްވެފަ އެވެ.
އިންޑިއާގައި ގައުމީ އިންތިހާބުތައް ބޭއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު، މިތުހުމަތުތަކުގެ ސަބަބުން އިންޑިއާގެ ވެރިކަން ކުރަމުން އަންނަ ކޮންގުރެސް ޕާޓީގެ ސަރުކާރަށް މިކަމުގެ ސަބަބުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ އެވެ.