10 Oct 2010, 09:58
ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޑީއާރުޕީން ސިލްސިލާ މުޒާހަރާތަކެއް ބޭއްވުމަށް ނިންމައި ފުރަތަމަ ބައްދަލުވުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ޑީއާރުޕީ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ލީޑަރުން ކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ މިރޭ ބާއްވާ މުޒާހަރާ އަކީ ރައްޔިތުންނަށް މެސެޖުތަކެއް ދިނުމަށް ބާއްވާ މުޒާހަރާއެއް ކަމަށެވެ.
"މިރޭ ބާއްވާ އެއްވުމުގައި ރައްޔިތުންނަށް މެސެޖްތަކެއް ދޭން ބޭނުމީ. އެންމެ ފަހުން ނެގުނު ވޯޓުން ސާފު ވެއްޖެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ރައްޔިތުން ތާއީދު ނުކުރާކަން. މިއީ ހިޔާލު ހޯދުމަށް ނެގުނު ފުރަތަމަ ވޯޓު. އަދިވެސް އެތައް ވޯޓެއް ނެގޭނެ. ތައުލީމީ ނިޒާމު. ސަރުކާރުގެ ޔޫޓިލިޓީ ކުންފުނިތަކަށް ރަށްރަށުގެ އިންޖީނުގެތައް ނެގުން. އަޅުގަނޑަށް ޔަގީން މިއިން ކޮންމެ ކަމަކުން ރައްޔިތުންގެ ހިޔާލު ހޯދިއަސް ސަރުކާރު ފެއިލް ވާނެކަން." އަލީ ވަހީދު ވިދާޅުވި އެވެ.
އެ ޓީމުން ބުނީ ސިލްސިލާ މުޒާހަރާގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ރޭ ނުވައެއް ޖަހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ކަމަށާއި ނަމަވެސް އެ ސަރަހައްދު ނުލިބިއްޖެ ނަމަ ސުނާމީ ބިނާ ހުންނަ ސަރަހައްދުގައި ނަމަވެސް މުޒާހަރާ ބައްވާނޭކަމަށް ޑީއާރުޕީން ބުންޏެވެ.
އަލީ ވަހީދު ވިދާޅުވީ އެ ޕާޓީގެ އެއްވުން އާޓިފިޝަލް ބީޗުގައި ބޭއްވުމަށް އެތަން ދޫކުރުމަށް މުނިސިޕަލްޓީން އެކަށީގެންވާ އެއްބާރުލުމެއް ނުދޭ ކަމަށެވެ.
"އާޓިފިޝަލް ބީޗު ސަރަހައްދު ވަނީ ދިގުމުއްދަތައް ސަރުކާރުގެ އެކި ކުންފުނިތަކަށް ދޫކޮށްފައި. އޭގެ ތެރޭގައި އަޅުގަނޑުމެން ގަބޫލު ނުކުރާ ބައެއް ކުންފުނިތައް ވެސް ހިމެނޭ. މިސާލަކަށް އެމްއެންބީސީ ކަހަލަ ކުންފުނިތައް ހިމެނޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
ޑީ.އާރު.ޕީގެ ނައިބު ލީޑަރު އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު އިލްހާމް ވިދާޅުވީ، ރައްތައް ގުޅުވާލުމުގެ ވޯޓުން ރައްޔިތުން ނިންމާފައިވާ ގޮތަށް ސަރުކާރުން އިހްތިރާމް ކުރަންވާނޭކަމަށެވެ. އަދި މިރޭ ޑީ.އާރު.ޕީން ބޭއްވުމަށް ހަމަޖެހިފައިވާ، މުޒާހަރާގައި އެ ޕާޓީގެ ވީހާ ވެސް ގިނަ މެންބަރުން ބައިވެރިވުމަށް އެދިވަޑައިގަތެވެ.
ލޯކަލް ކައުންސިލް އިންތިހާބު ޖެހެންދެން މުޒާހަރާތައް ސިލްސިލާކޮށް ކުރިއަށް ގެންދާނޭ ކަމަށް ޑީ.އާރު.ޕީން ބުނެ އެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ސަރުކާރުން ލަސްކުރާ ނަމަ މަގުމައްޗަށް ނުކުމެ މުޒާހަރާ ކޮށްގެން ނަމަވެސް އެ އިންތިހާބު ބާއްވަންވާ ތާރީހުގައި ބޭއްވުމަށް މަސައްކަތް ކުރާނޭކަމަށް ޑީ.އާރު.ޕީން ބުނެ އެވެ.
އިދާރީ ގޮތުން ރަށްތައް ގުޅުވާލުމަށް ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓު ނަގައި ނިމުމާ އެކު، ޑީ.އާރު.ޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވަނީ، ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލައިލައްވައިފަ އެވެ.
ޤައުމީ ޕާޓީން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުނެފައި ވަނީ ސިވިލް ސާވިސްގެ މުސާރަ ބޮޑުކުރުމުގެ ވާހަކަ ސަރުކާރުން ދައްކަން ފަށާފައި ވަނީ، ލޯކަލް ކައުންލިސް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބަށް 62 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.