15 Feb 2013, 15:25
މިއަދު މެންދުރު ފަހު ޖުމްހޫރީ މައިދާނު ސަރައްދުގައި ހަރަކާތްތެރިވި ބައެއް ފުލުހުންނަށް ހަމަލާދޭން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކުރި ތިން މީހުނަކީ ޖުމްހޫރީ މައިދާނު ސަރަހައްދަށް މީހުން އެއްވިޔަ ނުދިނުމަށްޓަކައި އެ ސަރައްދުގައި ހަރަކާތްތެރިވި ބައެއް "ފުލުހުނަށް ހަމަލާދީ މާރާމާރީ ހިންގަން މަސައްކަތް ކުރި ތިން މީހުން" ނެވެ.
މިއަދު ހުކުރު ނަމާދަށް ފަހު ޖުމްހޫރީ މައިދާން ސަރަހައްދަށް އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު އެއްވެ ޑީއާރުޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު ޝަރީފް ( އީގަލް ޝަރީފް )އަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައި ވެއެވެ. އަދި ޝަރީފަށް ހަމަލާދީ މާރާ މާރީ ހިންގަން ފެށުމުން ފުލުހުން ވަނީ ޝަރީފަށް ހިމާޔަތްދީ އޭނާ އެ ސަރައްދުން ގެންގޮސްފަ އެވެ.
މީގެ އިތުރުން ޖުމްހުރީ މައިދާނަށް ބަޔަކު އެއްވެ ހަމަ ނުޖެންތައް ހިންގަން ފެށުމުން އެ ސަރައްދުން މީހުން ފޮނުވާލުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިވި އެކަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެެވެ.