15 Feb 2013, 14:43
ލަންޑަން (ފެބްރުއަރީ 15) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަކީ އިނގިރޭސިވިލާތަށާއި ޔޫރަޕަށް ނުރައްކާތެރި ބައެއްކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ސިފަކުރައްވައިފި އެވެ.
އިނގިރޭސިވިލާތުގެ ޢަސްކަރީ ދިރާސާ މަރުކަޒެއް ކަމަށްވާ "ރޮޔަލް ޔުނައިޓެޑް ސަރވިސަސް އިންސްޓިޓިއުޓް"ގައި ތަޤްރީރުކުރައްވަމުން ހޭގް ވިދާޅުވީ ބައްޝާރަކީ އަނިޔާވެރި ވެރިއެއް ކަމަށާ އޭނާ ވެރިކަމުގައި ދެމިހުންނެވުމަށް އިނގިރޭސިވިލާތުން ނޭދޭކަމުގަ އެވެ. ނަމަވެސް ބައްޝާރުގެވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ތެރޭގައި އަލްޤާޢިދާ ފިކުރުގެ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރިން ވަރަށް ގިނަކަމަށާ އެމީހުންގެ ނުރައްކާ އިނގިރޭސިވިލާތަށާއި ޔޫރަޕަށް ވަރަށް ބޮޑުކަމަށް ހޭގް ވިދާޅުވި އެވެ. ހޭގް ވިދާޅުވީ އަލްޤާއިދާ ފިކުރުމުގެ ހަރުކަށި ހަނގުރާމަވެރިންގެ މައި މަރުކަޒަކަށް (ކުރިން އަފްޣާނިސްތާން ގޮތަށް) މިހާރު ސޫރިޔާ ވެފައިވާ ކަމުގައެވެ. ސޫރިޔާގެ ވެރިކަން އަލްޤާޢިދާ ފިކުރުގެ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރިންގެ އަތްދަށަށް ހިނގައްޖެނަމަ އެކަމުގެ ނުރައްކާ މުޅިދުނިޔެއަށްވެސް ވަރަށް ބޮޑުވާނެ ކަމަށާ ޢަރަބި ރަބީޢުގައި ސޫރިޔާގައި ފެށުނު ރައްޔިތުންގެ އިންޤިލާބު މިހާރުވަނީ ހަރުކަށި ހަނގުރާމަވެރިން ހައިޖެކް ކޮށްފައި ކަމަށްވެސް އިނގިރޭސި ޚާރިޖީ ވަޒީރު ސިފަކުރެއްވިއެވެ.
ޢަރަބި ރަބީޢުގައި ބައެއް ޢަރަބި ގައުމުތަކަށް އައި ރައްޔިތުންގެ އިންޤިލާބުތަކުގައި ހުޅަނގުން ތާއީދުކުރާ އަރަބި ހަތަރު ޑިކްޓޭޓަރެއްގެ ވެރިކަން ވަނީ ވެއްޓިފައެވެ. މީގެތެރޭގައި ހިމެނެނީ ތޫނިސްގެ ކުރީގެ ރައީސް ޒައިނުލްޢާބިދީން ބިން ޢަލީ އާއި މިސްރުގެ ކުރީގެ ރައީސް މުހައްމަދު ހުސްނީ މުބާރަކާއި ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުޢައްމަރުލްޤައްޒާފީ އާއި ޔަމަންގެ ކުރީގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް އެވެ. މިހަތަރު ގައުމުގެ ތެރޭން މިސްރާއި ތޫނިސްގައި މިހާރު ވެރިކަންކުރަނީ ހުޅަނގުގެ ލާދީނީ ފިކުރުތަކާ އިދިކޮޅު އިސްލާމީ ޚިޔާލުގެ ޕާޓީތަކެވެ. މިސްރުގައި އިޚްވާނުލްމުސްލިމީން ޖަމާއަތެވެ. ތޫނިސްގައި އިސްލާމިކް ނަހްޒާ ޕާޓީއެވެ.
ލީބިޔާގެ ވެރިކަމުގެ ނިޒާމުގައިވެސް އިސްލާމީ ޚިޔާލުގެ ޕާޓީތަކުގެ ބާރާއި ނުފޫޒު ވަރަށް ގަދައެވެ. ޢަރަބި ރަބީޢުގައި ސޫރިޔާގެ ރައްޔިތުން އެގައުމުގެ ރައީސް ބައްޝާރުލްއަސަދުގެ ޚުދުމުޚްތާރު ވެރިކަމާ ދެކޮޅަށް ސުލްޙަވެރިކަމުގައި ފެށި އިންތިފާޟާގެ ޙަރަކާތްތަކުގެ ތެރެއަށް ސޫރިޔާގެ ޢިލްމާނީ ޚިޔާލުގެ މީހުންނާއި އެނޫންވެސް ތަފާތު ޚިޔާލާއި ފިކުރުގެ ހަނގުރާމަވެރިން ވަދެ ސޫރިޔާގެ ރައްޔިތުންގެ އިންތިފާޟާ ވަނީ އަހްލީ ހަނގުރާމައަކަށް ބަދަލުކޮށްލާފައެވެ. މިކަމުގެ ސަބަބުން ބައްޝާރަށް ވެރިކަން ދެމެހެއްޓުމުގެ ފުރްސަތު ބޮޑުވެފައިވާ ކަމަށް މުޙައްލިލުން ދެކެއެވެ. ހޭގް ވިދާޅުވީ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރިން ސޫރިޔާގެ އަހްލީ ހަނގުރާމައިގެ ތެރެއަށްވަދެ އެމީހުންގެ ބާރާއި ނުފޫޒު ވަރުގަދަކޮށް ހަނގުރާމައިގެ ހުނަރާއި ތަޖްރިބާވެސް އެމީހުން ހޯދަމުންގެންދާ ކަމުގައެވެ.
ސޫރިޔާގެ ހަނގުރާމަވެރިންގެ ތެރޭގައި އިޚްވާނުލްމުސްލިމީން އާއި ސަލަފީންފަދަ އިސްލާމީ ފިކުރުގެ ހަނގުރާމަވެރިންނާއިލާދީނީ ފިކުރުގެ ޢިލްމާނީ ހަނގުރާމަވެރިންވެސް ހިމެނެއެވެ. އަދި މީގެއިތުރުން ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ އަލްޤާޢިދާ ފިކުރުގެ ޝިކާރައަކަށްވެފައިވާ އިސްލާމީ ބައެއް ގައުމުތަކުގެ ޒުވާނުންވެސް ހިމެނޭކަމަށާ މިފަދަ ހަނގުރާމަވެރިން ސޫރިޔާގެ ހަނގުރާމައިގެ މަސްރަހުގައި އިތުރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)