ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް އެމެރިކާ އިން ގޮވާލައިފި އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެގެންދާ ދިއުމާ މެދު ކަންބޮޑުވުން ފާޅުކޮށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އިއްޔެ ތާރީހުގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ ކަންކަން ކުރިއަށް ދާން ޖެހޭނެ ކަމަށެވެ.

އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާ އިރު، އެއްވެސް ފަރާތަކުން ބައިބައިވުން އިތުރުކޮށް، ހަމަނުޖެހުން އުފެދިގެންދާނެ ފަދަ ގޮތަކަށް އަމަލު ނުކުރުމަށް ވެސް އެމެރިކާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އދ. އާއި އިނގިރޭސިވިލާތް އަދި އިންޑިއާ އިން ބުނެފައިވާ ގޮތަށް އެމެރިކާ އިން ވެސް ބުނެފައި ވަނީ ރާއްޖޭގައި މިއަންނަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު ބޭއްވުމަށް ޝެޑިއުލްކޮށްފައިވާ ރިޔާސީ އިންތިހާބަކީ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ވާދަކުރާ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާންޖެހޭނެ ކަމަށެވެ.