ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ކޮށްފައިވާ ދައުވާގެ ޝަރީއަތަށް ހާޒިރުވެ ވަޑައިނުގަތުމަށް އިންޑިއާ ހައިކޮމިޝަންގެ ތެރޭގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ އާއިލާއާ ބައްދަލު ކުރައްވައިފި އެވެ.

އެމްޑީޕީގެ ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އާއި ދަރިކަނބަލަކާ މެންދުރުގެ ވަގުތެއްގައި ހައިކޮމިޝަނަށް ވަޑައިގެން އެމަނިކުފާނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަނބިކަނބަލުންނާއި ދަރިކަނބަލަކު ރައީސް ނަޝީދާ ބައްދަލުކުރައްވާފައިވާ އިރު އިއްޔެގެ ވަގުތެއްގައި ވެސް އާއިލާ އިން ރައީސް ނަޝީދާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީ އަށް ސަޕޯޓްކުރާ ފަރާތްތަކުން ވެސް ނަޝީދުގެ އަރިހަށް އަބަދު ވެސް ޒިޔާރަތް ކުރައްވައި އެމަނިކުފާނާ ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.

އިންޑިއަން ހައިކޮމިޝަންގެ ތެރޭގައި ރައީސް ނަޝީދު ހުންނެވީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންގެންދާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ހައިކޮމިޝަނަށް ވަޑައިގަތީ ހިމާޔަތް ހޯއްދެވުމަށް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައިވާތީ އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ އެމަނިކުފާނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ވާތީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށް ކޮށްފައިވާ ދައުވާ އެއްކަމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ވެސް ގަބޫލުކޮށްފައިވާ ކަމަށް ހާމިދު ވިދާޅުވި އެވެ.

"މިޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ކެނޑިޑެންސީ ބާތިލް ކުރުމަށް އޮތް އެއްޗެއް މިހާރު އޮތް ޝަރީއަތަކީ. އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ވެސް ގަބޫލުކުރައްވާ އެކަން،" ހާމިދު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދު ހައިކޮމިޝަންގެ ތެރޭގައި ހުންނެވި ނަމަވެސް އެމަނިކުފާނަށް ހިމާޔަތް ދީފައި ނުވާނެ ކަމަށް އިންޑިއާ އިން ބުނެފައިވާ ކަމަށެވެ. އަދި އަބަދާއި އަބަދު އެތަނުގައި ނަޝީދަށް ނުހުރެވޭނެ ކަމަށް ވެސް ސަމަދު ވަނީ ވިދާޅުވެފަ އެވެ.

އިންޑިއަން ހައި ކޮމިޝަން ތެރެ އަށް ނަޝީދު ވެންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި ދައުލަތުގެ ފަރާތުން ނަޝީދުގެ މައްޗަށް ކުރާ ދައުވާއި ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ކޯޓުން ކުރި އަމުރު ފުލުހުން ތަންފީޒު ކުރަން މަސައްކަތް ކުރަނިކޮށެވެ.