15 Feb 2013, 14:01
ރާއްޖޭގައި ހަމަޖެހުން ގާއި ކުރުމަށް ޓަކައި ހުރިހާ ފަރާތްތަކަކުން ވެސް ކެތްތެރިވުމަށް އދ. އާއި އިނގިރޭސިވިލާތުން ގޮވާލައިފި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު މިއަދު ނެރުއްވި ބަޔާނުގައި ވަނީ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ގެންދަވަނީ ރާއްޖޭގެ ހާލަތު ކަންބޮޑުވުމާ އެކު ގާތުން ބައްލަަަވަމުން ކަމަށާއި ހަމަނުޖެހުން އުފެދޭ ފަދަ ކަންތައްތައް ނުކޮށް، ހުރިހާ ފަރާތްތަކުން ބައިވެރިވާ އިންތިހާބެއް ބޭއްވޭ ގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ބަޔާނުގައި އަދި ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ޕާޓީއަކުން ވެސް އިހުތިޔާރު ކުރާ ކެންޑިޑޭޓަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެެވެ.
އިނގިރޭސި ސަރުކާރުން އިއްޔެ ނެރުނު ބަޔާނުގައި ވެސް ވަނީ ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރުމަށް ޓަކައި ، ހަމަނުޖެހުން އުފެދޭ ފަދަ ކަންތައްތަކުން އެންމެން ދުރުހެލިވުމަށް ގޮވާލާ ކަމަށާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ކެންޑިޑޭޓުންނަށް ވެސް ބައިވެރިވެވޭ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް ގޮވާލާ ކަމަށެވެ.
ބަޔާނުގައި އަދި ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި ރާއްޖޭގެ ހާލަތު ބަލަމުން އަންނަ ކަމަށެވެ.
އިނގިރޭސިވިލާތާއި އދ.ގެ އިތުރުން އެމެރިކާއިން ވެސް ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރާއްޖޭގެ ހާލަތާ މެދު ބައިނަލް އަގުވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއް ތަންފީޒުކުރަން ފުލުހުން އުޅުމުން އެމަނިކުފާނު ވަޑައިގެން އިންޑިއާ ހައިކޮމިޝަނުގައި ހުންނެވުމާ ގުޅިގެންނެވެ.
ބުދަ ދުވަހު ވަޑައިގަތް ގޮތަށް އެމަނިކުފާނު އަދިވެސްް ވަޑައިގެން ހުންނެވީ އެތާނގަ އެވެ.
ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަައްވަނީ އެމަނިކުފާންގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރެއްވި މައްސަލައާ ގުޅިގެންނެވެ.