ނިއުދިއްލީ (ފެބްރުއަރީ 15): ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑް އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާ ބައްދަލުކުރައްވައިފި އެވެ.

ދެ ބޭފުޅުންގެ ރަސްމީ މަޝްވަރާތައް ބިނާކުރެއްވީ ދެގައުމުގެ ޢަސްކަރީ، އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާބެހޭ ގޮތުންނާއި އަފްޣާނިސްތާނުގެ މައްސަލަ ފަދަ ބައިނަލްއަޤްވާމީ ބައެއް މައްސަލަތަކާ ބެހޭ ގޮތުންނެވެ. މީގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ހޯދުމަށް އިންޑިޔާ އިން ކުރަމުން ގެންދާ މަސައްކަތްތަކާބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ޚަބަރު ލިބެ އެވެ.

މަންމޯހަން ސިންގް އާ ބައްދަލުކުރެއްވުމުގެ ކުރިން ދެއްވި ބަޔާނެއްގައި ފަރަންސޭސި ރައީސް ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއީމީ ގޮނޑިއެއް އިންޑިޔާ އަށް ދިނުމަށް ފަރަންސޭސިވިލާތުން ތާއީދުކުރާކަން ހާމަކުރައްވައިފަ އެވެ. ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ފަރަންސޭސިވިލާތުގައި އުފައްދާ ޒަމާނީ ޓެކްނޮލޮޖީގެ ޢަސްކަރީ ފައިޓަރޖެޓް ކަމަށްވާ "ރަފާލް" މަރުކާގެ 126 ބޯޓު އިންޑިޔާ އަށް ވިއްކުމާބެހޭ ގޮތުން ދެ ބޭފުޅުން އެއްބަސްވުމަކާ ހަމައަށް އައިސްފައިވާ ކަމަށް ޚަބަރުލިބެ އެވެ. މިއީ 12 ބިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެކެވެ.

މީގެއިތުރުން ފަރަންސޭސިވިލާތުން އިންޑިޔާގައި ނިއުކްލިޔާ ހަ ރިއެކްޓަރު ބިނާކުރުމާބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވާރާކުރައްވައި މީގެތެރެއިން ދެ ރިއެކްޓަރު ބިނާކުރުމާބެހޭ ގޮތުން އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް ޚަބަރުލިބެ އެވެ. އިންޑިޔާއަކީ އެގައުމަށް ބޭނުންވާ މިންވަރަށް ހަކަތަ އުފެއްދުމުގެ ޤާބިލްކަން ނެތްގައުމަކަށް ވާތީ އަގުހެޔޮކޮށް ހަކަތަ އުފެއްދުމަށް ޓަކައި އިންޑިޔާ ގެންދަނީ ނިއުކްލިޔާ ރިއެކްޓަރުތައް ބިނާކުރުމުގެ ވަރަށް އުންމީދީ ޕްރޮގްރާމެއް ތަންފީޒު ކުރަމުންނެވެ.

ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑްއިންޑިޔާ އަށް ކުރައްވާ ދަތުރުފުޅުގައި ފަރަންސޭސި އިސް ބައެއް މަސްއޫލުވެރިންގެ އިތުރުން ފަރަންސޭސި ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާއި އިގްތިސާދީ ތަޖްރިބާކާރުން ބައިވެރިވެވަޑައިގަންނަވަ އެވެ. (ނޫސްއެޖެންސީތައް)