ދ. ވާނީ ރަށު ކައުންސިލްގެ ފަސް މެންބަރުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ސޮއި ކުރައްވައިފި އެވެ.

އެ ބޭފުޅުން އެމްޑީއޭ އަށް ސޮއި ކުރެއްވީ އެމްޑީއޭ އަށް މެންބަރުން އިތުރު ކުރުމަށް ދ. އަތޮޅުގެ ރަށްރަށަށް އެ ޕާޓީން ކުރަމުން އަންނަ ދަތުރުގައި އެ އަތޮޅުގެ ވެރިކަން ކުރާ ރަށް، ކުޑަހުވަދޫގައި ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ވާނީ ރައްޔިތުން ކުޑަހުވަދޫ އަށް ބަދަލުކުރެއްވުމާ ގުޅިގެން ވާނީ ކައުންސިލްގެ މެންބަރުން ވެސް މި ވަގުތު މަސައްކަތް ކުރައްވަމުން ގެންދަ ވަނީ ކުޑަހުވަދޫގަ އެވެ.

ކުޑަހުވަދޫގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްޑީއޭ އަށް އަލަށް ގުޅިވަޑައިގެންނެވީ ވާނީ ކައުންސިލްގެ ރައީސް އާދަމް އަބްދުލްގާދިރު އާއި ނައިބު ރައީސް އިސްމާޢީލް ޔޫސުފް އާއި ކައުންސިލްގެ މެންބަރުން ކަމަށްވާ މުހައްމަދު ހުސެއިން އާއި ޒަކަރިއްޔާ މުފީދު އަދި ހަރިއްޔާ އާދަމް އެވެ.

އެމްޑީއޭ އާއި ގުޅިވަޑައިގަތުމަށް ފަހު ވާނީ ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކައިގައި ވިދާޅުވީ ވާނީ ރައްޔިތުންގެ ކަންކަމާ މެދު ވިސްނާވަޑައިގެން އެ ރައްޔިތުންނަށް ރަނގަޅު މުސްތަގުބަލެއް ހޯއްދަވައިދެއްވަން އެމްޑީއޭގެ ލީޑަރޝިޕުން ކުރައްވަމުން ގެންދަވާ ފަދަ މަސައްކަތެއް އެހެން އެއްވެސް ބަޔަކަށް ނުކުރާ ކަމަށެވެ. އަދި އެމްޑީއޭގެ ލީޑަރޝިޕުން ފެންނަ މޫނުތަކަކީ ފާއިތުވި އަހަރުތަކަށް ބަލާ އިރު ވާންޏަށް ދިމާވި ކޮންމެ ކަމެއްގައި ވެސް އެންމެ ގާތުން އެކަންކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރި އަދި ކުރަމުން އަންނަ ދެގޮތެއް ނުވާ ޓީމެއްކަން އެބޭފުޅުން ފާހަގަކުރެއްވި އެވެ. އެ ގޮތުން މިއަދު އެމްޑީއޭ އާއި ގުޅިވަޑައިގަތުމަކީ ވާނީ ކައުންސިލްގެ ހުރިހާ މެންބަރުންނަށް ވެސް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށާއި ވާނީގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހައްލު ކުރުމުގައި އެމްޑީއޭގެ ތެރެއިން އިތުރު ހަރުދަނާ މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ.

ވާނީ ކައުންސިލްގެ މެންބަރުން އެމްޑީއޭ އަށް ސޮއި ކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވާހަކަފުޅުދެއްވި އެވެ. އެ ބޭފުޅުންގެ ވާހަކައިގައި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމަށް ކުރިޔަށް ވުރެ ވެސް ހަރުދަނާ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ވާނީ ކައުންސިލްގެ މެންބަރުން އެމްޑީއޭގެ ޕްލެޓްފޯމަށް އަރާވަޑައިގަތުމުން މިހާރު ހުޅުވިފައިވާ ކަމަށް ވިދާޅުވި އެވެ. ވާނީގެ ރައްޔިތުން ކޮންމެ ތަނެއްގައި ދިރިއުޅުއްވިޔަސް އެއީ އެމްޑީއޭ ޢާއިލާގެ މެންބަރުން ކަމަށާއި އެ ބޭފުޅުންގެ ހުރިހާ ކަމެއް ވަރަށް ގާތުން އަބަދުވެސް ބައްލަވަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވާނީ ކައުންސިލް އެމްޑީއޭ އަށް ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގައި އެމްޑީއޭގެ ލީޑަރު ސިޔާމާއި ނައިބު ލީޑަރު އާމިރުގެ އިތުރުން، އެމްޑީއޭގެ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.