ރާއްޖޭގެ ވެރިކަމާ ދެކޮޅަށް ބަޣާވާތްކޮށް ނުވަތަ ރާއްޖޭގެ އެއްވެސް ބައެއް ދިވެހި ވެރިކަމުގެ ބާރުން ނެއްޓިދާފަދަ އަމަލެއް ކުރި މީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވަނިކޮށް، އާންމުންގެ ހިޔާލަށް މަޖިލީހުން ހުޅުވާލިއާ ގާނޫނުލް އުގޫބާތުގެ ބިލުގައިބަޣާވާތުގެ އަދަބު ލުއިކޮށްދީފި އެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުން ފެށިގެން މިހާރު ވެސް އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތާ މުޅިން ތަފާތު، އާ ގާނޫނުލް އުގޫބާތުގެ ޑްރާފްޓައި ބަޣާވާތުގައި ބައިވެރިވި ކަމަށް ވަނީ ސަރުކާރު ވައްޓާލުމުގައި އަމަލީ ގޮތުން ބައިވެރިވުމުންނެވެ. އަދި އެފަދަ ކުށެއްގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު ޖަލު ހުކުމެއް އެ މީހެއްގެ މައްޗަށް އަންނާނެ އެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ޗެޕްޓާ އެކެއްގެ 37 ވަނަ މާއްދާގައި ބުނަނީ ރާއްޖެއިން ބޭރުގަ އާއި ރާއްޖޭގައި ވެސް ގައުމުގެ ވެރިކަމަށް، މިނިވަން ކަމަށް ނުވަތަ އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ރާއްޖޭގެ އެއްވެސް ބައެއް ވެރިކަމުގެ ބާރުން ނެއްޓިދާފަދަ އަމަލެއް ކުރި މީހެއްގެ އަދަބަކީ މަރު ކަމަށެވެ. އަދި އެފަދަ އަމަލެއްގައި ބައިވެރިވި މީހެއްގެ އަދަބަކީ ވެސް އެއީ ކަމަށް އެ ގާނޫނުގައި ބުނެ އެވެ. ނިމިދިޔަ ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަށް 2006 ވަނަ އަހަރު ހުށަހެޅި ގާނޫނުލް އުގޫބާތު ދިރާސާ ކުރެއްވުމަށްފަހު އަންނަ މަހުގެ 31ގެ ނިޔަލަށް އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ބިލުގައި ބުނެފައިވާ ގޮތުން ސަރުކާރު ވައްޓާލުމަށް ކުލީ ސިފައިން ބޭނުން ކުރާ ހާއިނުންގެ މައްޗަށް ވެސް ތަންފީޒު ކުރާނީ ޖަލު ހުކުމެވެ. ކުލީ ސިފައިނަކީ ހަމަނުޖެހުންތަކުގައި ސަރުކާރު ވައްޓާލުމުގައި ބާރުގެ ބޭނުން ކުރުމަށް ނުވަތަ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ވައްޓާލުމަށްޓަކައި މަސައްކަތް ކުރުމަށް ހާއްސަ ގޮތުގައި ތަމްރީނުކުރެވިފައިވާ ބަޔެއް ކަމަށް ބިލުގައި މާނަކޮށްފައިވެ އެވެ. ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ގިނަ ބަޔަކަށް ހިތްވަރުދޭ ނުވަތަ އަމުރު ކުރާ ނުވަތަ އިރުޝާދު ދޭ، ނުވަތަ ހަދަންވީ ގޮތް ބަޔާންކޮށްދޭ މީހާ ވެސް ކުރަނީ ކުށެއް ކަމަށް ބިލުގައި ބުނެ އެވެ. ވެރިކަން ވައްޓާލުމަށްޓަކައި އެފަދަ ވާހަކައެއް ސިފައިންގެ ބައެއްގެ ކައިރީގައި ދައްކައި ހިތްވަރު ދިނުމަކީ ވެސް ކުށެއް ކަމަށް އެ ބިލުގައި ބަޔާން ކުރެ އެވެ. ބަޣާވާން ކުރުމުގެ ކުށުގެ އަދަބު އާ ގާނޫނުލް އުގޫބާތުގައި ލުއިކޮށްދީފައިވާއިރު، ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލައާ ގުޅިގެން މިހާރު ވެސް އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ދަށުން 17 މީހެއްގެ މައްޗަށް ބަޣާވާތް ކުރި ކަމަށް ސާބިތުވެ، މެރުމަށް ހުކުމް ކުރި އެވެ. ނަމަވެސް އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އެ މީހުންގެ ހުކުމް ލުއިކޮށްދެއްވާފަ އެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ އެޕްރީމް 7، 1953 ގައި ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައިގަ އެވެ. އެއީ ރައީސް އަމީން އަވަހާރަކޮށްލަން ސިހުރު ހަދައި ޒަހަރު އުފެއްދި ކަމަށް ތުހުމަތު ކުރެވުނު މައްސަލަ ސާބިތުވެ، އިއުތިރާފުގެ ބަޔާނުގެ މައްޗަށް ގއ. ނިލަންދޫ ހަކީމް ދީދީ ކިޔާ މީހަކު މަރާލި އެވެ. އޭނާ މަރާލީ ކަޅު ފޮތިން ކަނު ބަނދެ ހުޅެލޭ ރުކެއްގައި އައްސާފައި މެޔަށާއި ބޮލަށް ބަޑި ޖަހައިގެންނެވެ.