ތާރީހީ ލިޔުންތެރިޔާ އަހުމަދު ޝަފީޤް 83 ދުވަސް ވަންދެން ޖަލުގައި ބޭންދި މައްސަލާގައި އޭނާ އަށް ލިބިވަޑައިގެންނެވި ޖިސްމާނީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު ހޯއްދެވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ޝަފީޤްގެ ފަރާތުން މައްސަލައެއް ހުށަހަޅައިފި އެވެ.


ރައީސް މައުމޫންގެ މައްޗަށް ޝަފީޤް ކުރައްވާ ދައުވާ އަކީ 21 އެޕްރީލް 1995 އިން ފެށިގެން 83 ދުވަސް ވާންދެން އޭނާ ސިފައިންގޭގައި ހައްޔަރު ކުރެއްވުމަކީ ޤާނޫނާއި ޤަވާއިދާއި ޙިލާފަށް ރައީސް މައުމޫން ކުރައްވާފައިވާ ކަމެއް ކަމަށާއި ރައީސް މައުމޫނަށް އެކަށޭނަ އަދަބެއް ދިނުމަށް އެދި ހުށަހަޅާފައިވާ ދައުވާއެއް ކަމަށް ޝަފީގުގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.


އަހުމަދު ޝަފީޤްގެ ވަކީލް އަބްދު ﷲ ހަސީން މިއަދު ވިދާޅުވީ އެ މައްސަލައިގައި ރައީސް މައުމޫންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ފުލުހުންނަށާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މިމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވީ ނަމަވެސް އާ ކޮމިޝަނެއް މިހާރު އެކުލަވާލާފައި ވުމުން އަލުން އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.


ރައީސް މައުމޫންގެ މައްޗަށް ޝަފީޤް ކުރައްވާ އެ ދައުވާގައި ބުނެފައި ވަނީ ހ. ޝަފީޤްގެ އަށް އަހުމަދު ޝަފީޤް ހައްޔަރުކުރަން މިލިޓަރީ ހެދުމުގައި ތިބި 15 ސިފައިން ފޮނުވުމަކީ ބިރުދެއްކުމާއި އަނިޔާވެރިކަމުގެ ނިޔަތުގައި ކުރީގެ ސިފައިންގެ ވެރިޔާގެ ހައިސިއްޔަތުން ރައީސް މައުމޫން ހުއްދަ ދެއްވައިގެން ކުރެއްވި އަނިޔާވެރި އަމަލެއްކަމާއި އެފަދަ ގޮތެއްގައި އޭނާގެ ގައިކޮޅަށް އަތްލައި ހިފައި ހައްޔަރުކުރުމަކީ ރާއްޖޭގެ ޤާނޫނު އަދި އިންޓަނޭޝަނަލް ކޮންވެންޝަންތައް ތަން ނުދޭނެ، ކުށްވެރި އަމަލެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.


" އަށް ޑިހަ ތިން ދުވަސް ވާންދެއް ސިފައިންގޭގައި ބަންދުކޮށް 1945 އަހަރުން ފެށިގެން އަހުމަދު ޝަފީޤް ތާރީހަށްޓަކައި ލިއުއްއްވަމުން ގެންދެވި ޑައިރީތަކެއް އޭނާގެ ހުއްދައެއް ނެތި އަތުލާ ކިޔާ، ނައްތާލުން އެއީ ރައީސް މައުމޫން ކުރެއްވި ޖިނާއީ ކުށެއް ކަމުގައި ނިންމަވައިދެއްވައި ރައީސް މައުމޫންނަށް އެކަށޭނަ އަދަބެއް ދެއްވުމަށް " ވެސް އެ މައްސަލާގައިވެ އެވެ.


މީގެއިތުރުން މިމައްސަލައާ ގުޅިގެން އަހުމަދު ޝަފީޤްގެ ދަރިކަލެއް ކަމުގައިވާ މުހައްމަދު ޝަފީޤް ސަރުކާރުން ކަނޑާލައި ހަމަ އެދުވަހު އޭނާ ޖަލަށް ގެންދިޔަ ގޮތަށް 30 ދުވަސް ވަންދެން ދޫނިދޫގައި ބަންދުގައި ބެހެއްޓެވި ބެހެއްޓެވުމަކީ ވެސް ދިވެހި ރާއްޖޭގެ ޤާނޫނު އަދި އިންޓަނޭޝަނަލް ކޮންވެންޝަން ތަން ނުދޭނެ ޣައިރު ޤާނޫނީ ހައްޔަރެއް ކަމުގައި ނިންމަވައި ދެއްވުމަށް ވެސް އަހުމަދު ޝަފީޤް ރައީސް މައުމޫންގެ މައްޗަށް ކުރައްވާ އެ ދައުވާގައި ބުނެފައިވެ އެވެ.


މިކަމާ ގުޅިގެން ރައީސް މައުމޫންގެ ޤާނޫނީ ވަކީލެއް ކަމުގައިވާ މުހައްމަދު ވަހީދު މިއަދު ވިދާޅުވީ ރައީސް މައުމޫންގެ މައްޗަށް ޝަފީޤް އެފަދަ މައްސަލައެއް ހުށަހަޅައިގެން އުޅޭ ކަމެއް އަދި އެފަރާތަށް އެނގިފައިނުވާ ކަމަށެވެ.


ރައީސް މައުމޫނާ ބެހޭ ގޮތުން ހ. ޝަފީގުގެ ޝަފީގު ސާބިތު ނުހިފޭ ދޮގު ވާހަކަ ދެއްކެވި  ކަމަށް ބުނެ ރައީސް މައުމޫންގެ ފަރާތުން ވެސް މިއަދު ވަނީ މައްސަލައެއް ފުލުސް އޮފީހާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވައިފަ އެވެ.