15 Feb 2013, 00:41
ރާއްޖޭގެ ގައުމީ ޓީމާއި ޕާކިސްތާނުގެ ގައުމީ ޓީމު ކުޅުނު ބައިނަލްއަގްވާމީ ރަހްމަތްތެރި ކަމުގެ ދެވަނަ މެޗުގައި ރާއްޖޭ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބު ކުރި ދެލަނޑާއެކު ތިނެއް ސުމަކުން ރާއްޖެ މެޗު ކާމިޔާބު ކޮށްފި އެވެ.
ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުންގެ ކުރިމަތާގައި މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. އެހެން ނަމަވެސް ރާއްޖޭގެ ޓީމުން ވަނީ މެޗުގެ ކުރިހޯދާނޭ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކޮށްފަ އެވެ.
އެގޮތުން މެޗުގެ 38 ވަނަ މިނިޓުގައި ޕާކިސްތާނުގެ އޭރިޔާގެ ބޭރުން މުހައްމަދު އާރިފް (ބަކާ) ފޮނުވާލި ބާރު ހަމަލާ ޕާކިސްތާނުގެ ގޯލްދަނޑީގެ މަތީ ކަނުގައި ޖެހިފައި ދިޔައީ ބޭރަށެވެ. އަދި އޭގެ ކުރިން ސެންޓޭ ވަނީ ޕާކިސްތާނުގެ ގޯލަށް ބޯޅައެއް ވައްދާލާފަ އެވެ. އެހެން ނަމަވެސް އޭރު ލައިންސްމަން ވަނީ ރާއްޖޭގެ ކުޅުން ތެރިޔަކު އޮފްސައިޑް ކަމަށް ނިންމައި ދިދަ ނަގާފަ އެވެ.
މިރޭގެ މެޗްގެ ފުރަތަމަ ހާފް ނިމުމުން ރާއްޖޭގެ ގައުމީޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އާއި ފޯވަޑް އަހްމަދު ތޯރިގް (ޓޮމް) ޝަރަފް ވެރިކަމާއެކު ގައުމީޓިމުން ރިޓަޔާ ކޮށް ޖާޒީ ހަވާލުކުރުމާއި އަދި އެ ދެކުޅުންތެރިންނަށް އެފްއޭއެމްގެ ފަރާތުން ޝަރަފްވެރި ކަމުގެ ހަނދާނީ ރަންފިލާ އެރުވުން އޮތެވެ.
ރާއްޖޭގެ ޓީމަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ދެވަނަ ހާފް ފެށިގެން 58 ވަނަ މިނިޓްގައި މުހައްމަދު އުމައިރު އެވެ. ހާފްގެ މެދުތެރެއިން ބޯޅަ ހިފައިގެން އައިސް ޕާކިސްތާނުގެ ދެކުޅުންތެރިޔަކު ކައިރިން ނައްޓާލާފައި ޕާކިސްތާނުގެ ޕެނަލްޓީއޭރިޔާގެ ބޭރުން އުމައިރު ފޮނުވާލި ބާރު ހަމަލާ ކީޕަރުގެ އަތުގައި ޖެހިފައި ކޮންޓްރޯލް ނުކުރެވިގެން ގޮސް ގޯލްތެރެއަށް ވަނީއެވެ.
ޕާކިސްތާނުޓީމުން ފުރަތަމަ ހާފުގައި ވެސް މެޗުލަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވާއިރު ފަހުހާފުގައި ވެސް މެޗު ލަސްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން އެޓީމަށް މެޗުގައި ގިނަ ރީނދޫ ކާޑުތަކެއް ދައްކާފައިވާކަން ފާހަގަ ކޮށްލެވެ އެވެ.
ރާއްޖެ ކުޅެމުންދިޔަ ހަލުއި އަދި ޕާސިން ގޭމް އިތުރަށް ވަރުގަދަކޮށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 67 ވަނަ މިނިޓުގައި އަހްމަދު ރަޝިދު (އައްމަޑޭ) ތަނަވަސް ކޮށްދިން ފުރުސަތަކުން ޕާކިސްތާނުގެ ގޯލްއޭރިޔާ ތެރެއިން ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު އެވެ.
ރާއްޖޭގެ ދެވަނަ ލަނޑަށްފަހު ކޯޗު ޓީމަށް ގެނައި ބަދަލުތަކަކާއެކީ ޓީމުގެ ކޮންސެންޓްރޭޝަން ދަށްވެގެން ދިޔަ ވަގުތު ޕާކިސްތާނުގެ ކުޅުންތެރިން ރާއްޖޭގެ ކޮޅަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. ޕާކިސްތާނުގެ ބަޝީރަށް ރާއްޖޭގެ ޕެނަލްޓީ އޭރިޔާތެރެއިން ހުސްކޮށް ލިބުމުން ފޮނުވާލި ބާރު ޝޮޓް ދިޔައީ ރާއްޖޭގެ ގޯލްގެ ހުރަސްދަނޑި މަތިން ބޭރަށެވެ.
ރާއްޖޭގެ ތިންވަނަ ލަނޑު ފަހުހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ދަގަނޑޭ އެވެ. ޕާކިސްތާނުގެ ތިން ޑިފެންޑަރުން ކަޓުވާލުމަށްފަހު ގޯލްކީޕަރުކައިރިންވެސް ނައްޓާލާފައި އަޝްފާގު ފޮނުވާލި ބޯޅަ ވަނީ ގޯލްގެ މެދަށެވެ. ދަނގަޑޭގެ ދެވަނަ ލަނޑާއެކު މެޗު ނިމިގެން ދިޔައީ ތިން ލަނޑު ސުން ލަނޑުން ރާއްޖެ މެޗު ކާމިޔާބު ކޮށްގެން ނެވެ.
ރާއްޖެއާއި ޕާކިސްތާނު މީގެ ދެދުވަސް ކުރިން ކުޅުނު ރަހްމަތްތެރިކަމުގެ މެޗު ނިމުނީ ދެޓީމު އެއްވަރު ވެގެންނެވެ. އެކުވެރި ކަމުގެ މެޗަށްފަހު ޕާކިސްތާނު ޓީމު ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 7:00 ގަ އެވެ.