ވިލާއެއާ އިން އޮޕަރޭޓް ކުރާ ފްލައިމީ އިން އައްޑޫ ސިޓީ އަށް ހާއްސަ ޗެރިޓީ ފްލައިޓެއް ބާއްވައިފި އެވެ.

މިއަދު ހަވީރު އައްޑު އަށް ކުރި އެދަތުރުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރަނީ ކުޑަކުދިންގެ ހިޔާއަށް ކަމަށް ފްލައިމީ އިން ބުންޏެވެ.

މިއަދު އޮތް ހާއްސަ ޗެރިޓީ ދަތުރު ކުރީ ފްލައިމީ އަށް އަލަށް ގެނައި 66 ގޮނޑީގެ ޖާގައިގެ އާ މަތިންދާބޯޓްގަ އެވެ. އެބޯޓް އައްޑޫސިޓީ އަށް ޝެޑިއުލްދަތުރުތައް ކުރަން ފެށީ ވެސް މިއަދުގެ ދަތުރުންނެވެ.

ފްލައިމީ އޮޕަރޭޓްކުރާ ވިލާ އެއާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން މިއަދުގެ ދަތުރުގައި އައްޑޫ ސިޓީ އަށް ވަޑައިގެންނެވި އެވެ. އެބޭފުޅުންނަށް މަރުހަބާ ކިއުމުގެ ބައެއް ހަރަކާތްތައް އެއާޕޯޓްގެ ބޭރުގައި އޮތް އިރު، އެބޭފުޅުން އައްޑޫ ސިޓީ އަށް ވަޑައިގެންނެވީ ކޮން ބޭނުމެއްގައި ކަމެއް ވިދާޅެއް ނުވެ އެވެ.

ފްލައިމީން މިއަދު އައްޑޫސިޓީ އަށް ފެށި ޝެޑިއުލް ދަތުރުތައް ކުރާނީ މިއަދު ވެސް ދަތުރު ކުރި ފްލައިމީ އަށް އަލަށް ގެންނަ 66 ގޮނޑީގެ އޭޓީއާރް 600-72 މަރުކާގެ ބޯޓްގައި ކަމަށް އެކުންފުނިން ބުންޏެވެ.

އެބޯޓްގައި ހިމެނެނީ 12 ބިޒްނަސް ސީޓާއި 54 އިކޮނޮމީ ސީޓެވެ. ފުލައި އަދި އެބޯޓްގެ ސީޓްތައް އަތުރާފައި ހުންނަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މިހާރު ބޭނުންކުރާ ބޯޓް ފަހަރުގައި ފަސިންޒަރުންގެ ގޮނޑިތައް އަތުރާފައިވާ ގޮތާ ހިލާފަށް، ދެގޮނޑި ބަރި ދޭތެރޭގައި ޖާގަ ތަނަވަސްކޮށެވެ. އިންޖީނުގެ އަޑު ވެސް މަޑު އެބޯޓަކީ އިޓަލީއާއި ފްރާންސްގެ ކުންފުންޏަކުން އުފައްދާފައިވާ ބޯޓެކެވެ.