14 Feb 2013, 21:27
އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ހޫރުޝީދާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲއާ ދެބޭފުޅުން ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްކޮންފަރެއްސެއްގައި ފޮރިން މިނިސްޓަރު ޑރ. ސަމަދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ގުޅުމަކީ ވަރަށް ގާތް، ދުވަސްވީ ގުޅުމެއް ކަމަށާއި އިންޑިއާ އިން ރާއްޖޭގެ ދާޚިލީ ކަންތައްތަކާ ބެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތާ މެދު އިންޑިއާ އިން ދެކޭގޮތެއް ބުނުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ ދާހިލީ ކަންތަކާ ބެހުން ނޫން ކަމަށް ވެސް ސަމަދު ވިދާޅުވި އެވެ.
"އިންޑިއާއަކީ އަޅުގަނޑުމެންނާއި އަޅާބަލާ އިރު ވަރަށް ބޮޑު ޑިމޮކުރަސީއެއް. އެހެންވީމާ އެބޭފުޅުންގެ ވިޝްއެއް އެކްސްޕްރެސް ކުރެވިދާނެ. އޭގެ މާނައަކީ ވަކި މިވެނި ބޭފުޅެއް ޝަރުތުކުރަނީ އެކޭއެއް ނޫން. އެހެން ނުވެސް ކުރެވޭނެ ދެއްތޯ. ކިތަންމެ ކުޑަ ގައުމަކަށް ސް އަޅުގަނޑުމެންނަކީ ވެސް މިނިވަންގައުމެއް ދެއްތޯ. އިންޑިއާގެ ފައުންޑިން ފާދާސް ޖަވާލްނާ ނެހުރޫގެ އެންމެ ބޮޑު ފަސްރުކުނުގެ ތެރެއިން އެއް ރުކުނަކީ މިނިވަން ގައުމެއްގެ ދާޚިލީ އެއްވެސް ކަމަކާ ބެހިގެން ނުވާނޭ،" ޑރ. ސަމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހޫރުޝީދު މިއަދު އެމަނިކުފާނާ ފޯނުން ގުޅުއްވައި ރައީސް ނަޝީދާ ގުޅޭ ގޮތުން ވާހަކަދެއްކެވި ކަމަށެވެ. އެގޮތުން އިންޑިއާ ހައިކޮމިޝަނުގެ ތެރޭގައި ރައީސް ނަޝީދު ހުންނެވީ އެއްވެސް ގޮތަކަށް ހިމާޔަތް ލިބިވަޑައިގެން ނޫން ކަމަށް ސަލްމާން ހޫރުޝީދު ވިދާޅުވި ކަމަށް ވެސް ފޮރިން މިނިސްޓަރު ސަމަދު ވިދާޅުވި އެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހޫރުޝީދަށް ވިސްނިފައި އޮތީ ރައީސް ނަޝީދު އިންޑިއާ ހައިކޮމިޝަނަށް ވަޑައިގަތީ ސެކުރިޓީގެ މައްސަލައެއް ދިމާވެގެން ކަމަށާއި ނަމަވެސް އެފަދަ މައްސަލައެއް ދިމާނުވާކަމުގެ ޔަގީންކަން ސަލްމާން ހޫރުޝީދަށް އަރުވާފައިވާނެ ކަމަށް ވެސް ސަމަދު ވިދާޅުވި އެވެ.
ސަލްމާން ހޫރުޝީދާއި ހަވާލާދެއްވައި ސަމަދު ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އިންޑިއާ ހައިކޮމިޝަންގައި ރައީސް ނަޝީދަށް ހުރެވެނީ އިންޑިއާ އިން އެމަނިކުފާނަށް ކުރާ އިހުތިރާމެއްގެ ދަށުން ކަމަށެވެ. އަދި ރާއްޖެއާ އިންޑިއާ ގެ ދެމެދު އުފެދިފައިވާ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަކަމުގެ ޔަގީންކަން އިންޑިއާ އިން ދީފައިވާ ކަމަށް ވެސް ސަމަދު ވިދާޅުވި އެވެ.
މިނިސްޓަރު ސަމަދު ވިދާޅުވީ ރައީސް ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރާން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގެ މުއްދަތު ހަމަވެފައިވާ އިރު ރައީސް ނަޝީދު އިތުރަށް ހައިކޮމިޝަންގެ ތެރޭގައި ހުންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އަބަދާއި އަބަދު ރައީސް ނަޝީދަށް ހައިކޮމިޝަން ތެރޭގައި ނުހުރެވޭނެ ކަމަށް ވެސް ސަމަދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިންޑިއާގެ ހައިކޮމިޝަންގެ ތެރެއަށް ވަދެވަޑައިގަތީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުންނަވައިގެން އެމްއެންޑީއެފް މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ހާޒިރުވެވަޑައި ނުގަތުމަށެވެ.