14 Feb 2013, 20:52
ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމަށް އަނެއްކާ ވެސް ކޯޓުން އަމުރެއް ނެރެފި ނަމަ އެކަނިކުފާނު މިހާރު ހުންނެވި އިންޑިއާގެ ހައި ކޮމިޝަނަށް ވަނުމުގެ ހުއްދައަކަށް އިންޑިއާގައި އެދޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ސަމަދު ވިދާޅުވީ ރައީސް ނަޝީދަކީ "ބޮޑު ކުރިމިނަލް އެއް" ނޫން ކަމަށާއި، އެމަނިކުފާނު ހައްޔަރުކުރުމަށްޓަކައި އިންޑިއާގެ ކިބައިން އަދި އެދިފައި ނުވާނެ ކަމަށެވެ. ނަމަވެސް "ދެން އިތުރަށް އެކަހަލަ ކަމެއް" މެދުވެރިވެއްޖެ ނަމަ އިންޑިޔާއާ މަޝްވަރާކޮށް، ހައި ކޮމިޝަނަށް ވަނުމުގެ ހުއްދައަށް އިންޑިއާގައި އެދޭނެ ކަަމަށް ސަމަދު ވިދާޅުވި އެވެ.
"އެ ހިސާބުން ނިނުމީމަ [އިއްޔެ ހަވީރު 4:00 ޖެހުމުން] އެހިސާބުން އެރެސްޓް ވޮރަންޓެއް ނެތޭ އިނގޭތޯ. ދެން އިތުރަށް އެކަހަލަ ކަމެއް އަތުވެއްޖެއްޔާ، އެހީއަކަށް އެދިއްޖެއްޔާ އަޅުގަނޑުމެން [މަޝްވަރާ] ކުރާ ވާހަކަ މިދެންނެވީ،" ސަމަދު ވިދާލުވި އެވެ.
ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (ވީސީޑީއާރު)ގެ ދަށުން ގައުމެއްގައި ހުންނަ އެހެން ގައުމެއްގެ އެމްބަސީއަކީ ހުރުމަތްތެރިވެގެންވާ ބިމެއް ނުވަތަ އިމާރާތެއްގެ ގޮތުގައި ބަލައި، ބޭރު ގައުމެއްގެ އެމްބަސީ އަށް ނުވަތަ ހައި ކޮމިޝަނަށްގެ އެމްބަސީ ހުންނަ ގައުމެއްގެ ސަލާމަތީ ބާރުތަކަށް ވެސް ނުވަދެވޭނެ އެވެ. އެހެންނަމަވެސް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގެ ހެޑް އޮފް މިޝަންގެ ހުއްދައާ އެކު ފުލުހުންނަށް އިންޑިއާގެ ހައި ކޮމިޝަނަށް ވަދެވޭނެ އެވެ.
އިންޑިއަން ހައި ކޮމިޝަނަށް ވަދެ، ނަޝީދު ހައްޔަރުކުރުމަށް މީގެ ކުރިން ހުއްދަ ހޯދާފައިވާނެތޯ ސަން އިން ސުވާލުކުރުމުން ސަމަދު ވިދާޅުވީ އެގޮތަށް އަމަލު ކުރާ ހިސާބަށް ކަންތައް ދިޔަ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.