އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ "ވަން ބިލިއަން ރައިޒިން" (އެއް ބިލިއަން މީހުންގެ އަޑުއުފުލުން) ކެމްޕޭން މިއަދު ރާއްޖޭގައި ރަސްމީކޮށް ފައްޓައިފި އެވެ.

އެގޮތުން އަންހެނުންގެ ހިމާޔަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "ހޯޕް ފޯ ވިމެން"ގެ ފަރާތުން އިންތިޒާމްކޮށްގެން ވަންބިލިއަން ރައިޒިން ކެމްޕޭނުގައި ބައިވެރިވުމުގެ ގޮތުން މިއަދު ހަވީރު ހަތަރަކުން ހަޔަކަށް ޖުމްހޫރީ މައިދާނުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އެއް ބިލިއަން މީހުންގެ އަޑު އުފުލުން ކެމްޕޭނަކީ، ދުނިޔޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ ހަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާ ލިބިފައިވާ މީހެއް ކަމަށާއި، އެއީ ދުނިޔޭގެ ޖުމުލަ އާބާދީގެ ނިސްބަތުން އެއް ބިލިޔަން އަންހެހުންނާއި އަންހެން ކުދިން ކަމަށް ދިރާސާތަކުން ހޯދިފައިވާ ހޯދުން ތަކާއި ގުޅިގެން ވުޖޫދުވެފައިވާ ކެމްޕޭނެ ކެވެ.

އަންހެހުންނަށް އަނިޔާކުރުން ފެތުރިފައިވާ މިންވަރު ދުނިޔޭގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުންނާއި އަދި އެފަދަ އަނިޔާތައް ލިބެމުންދާ އަންހެނުންގެ ހިމާޔަތުގައި މިއަދު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ހަރަކާތް ތަކުގައި އެކްޓިވިސްޓުންނާއި، ލިޔުންތެރިންނާއި ފަންނާނުންގެ އިތުރުން މުޖްތަމައުގައި ހިމެނޭ ހުރިހާ އަފްރާދުން ޝާމިލްވާގޮތަސް މި ހަރަކާތް ތަކުގައި ބައިވެރިވާނޭ ކަމަށް ހޯޕް ފޯ ވިމެން އިން ބުނެފައި ވެއެވެ.