14 Feb 2013, 18:12
ވިލިމާލޭގައި ހުންނަ ކުޑަ ކުދިންގެ ހިޔާއިން ފިލި ދެ ކުދިން މާފަށީ ޖަލުގައި ބޭތިއްވި ކަމަށް ބުނާ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ފާސް ކޮށްފި އެވެ.
ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ގައުމީ ސަލާމަތު ކޮމެޓީގައި ހިމިނިވަޑައިގެންނަވާ މަޑަވެލީ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ވިލިމާލޭގައި ހުންނަ ކުޑަ ކުދިންގެ ހިޔާއިން މިދިޔަ މަހު ފިލި އުމުރުން 16 އަހަރާއި 17 އަހަރުގެ ދެ އަންހެން ކުދިން ގާނޫނު އަސާސީ އާއި ހިލާފަށް މާފުށީ ޖަލުގައި ބަންދު ކޮށްފައި ބެއިތިއްބި ކަމަށް ކޮމެޓީން ބެލި ބެލުމުންނާއި އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ދެއްވި މައުލޫމާތުގެ އިތުރުން ޖެންޑާ މިނިސްޓްރީން ދެއްވި މައުލޫމާތަކުން ވެސް ކޮމެޓީ އަށް ފާހަނގަ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން ކޮމެޓީއަށް އެވަގުތު ހާޒިރުވެ ތިއްބެވި ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ ވޯޓުން އެ މައްސަލަ ޕީޖީ އަށް ފޮނުވަން ފާސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮމެޓީން އެތަނަށް ޒިޔާތްކޮށް ބެލި ބެލުމުން ވެސް ކަންތައްތަކެއް ފާހަނގަ ކުރެވުނު. އަދި ހިއުމަން ރައިސްޓްސް ކޮމިޮޝަން އާއި ޖެންޑަ މިނިސްޓްރީން ދެއްޥާފައިވާ މަުލޫމާތު ތަކުން ކޮމެޓީ އަށް ގަބޫލު ކުރެވުނީ އެއް މައްސަލަ ބަލައި ދިނުމަށް ޕީޖީ އަސް ފޮނުވަން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުދިން ބަންދު ކޮށްފައި ވަނީ ގާނޫނޫއަސާސީގެ ދެ ވަނަ ބާބުގެ 35 ވަ މާއްދާގައި ބުނާ ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރި ކަމާއި ހިމާޔަތް ލިބިދޭ ގޮތަށް ނޫން ކަން އެޗްއާރްސީއެމްއިން ފާހަނގަ ކޮށްފައި ވާތީ އެ އަމަލު ހިންގި ބަޔަކަށް ގާނޫނީ ގޮތުން އަދަބަ ލިބެން ޖެހޭނެ ކަމަށް މެންބަރުން ފާހަނގަ ކުރެއްވި ކަމަށެވެ. އެހެން ކަމުން އެޗްއާރްސީއެމް އިން އެދިފައިވާ ގޮތަށް އެމައްސަލަ ބަލައި ދިނުމަށް ޕީޖީ އަށް ފޮނުވުމަށް ކޮމެޓީން ފާސް ކުރެއްވީ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެއް މައްސަލައާއި ގުޅިގެން ކުޑަކުދިންގެ ހިޔާގައި މިހާރުން މިހާރަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަންތައްތައް ވެސް ސަރުކާރުގެ ކަމާއި ބެހޭ ފަރާތް ތަކުގެ ސަމާލު ކަމަށް ގެނެސްގެން އިސްލާހު ކުރުމަށް ކޮމެޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރި ކަމަށެވެ.
މައްސަލަ އާއި ގުޅިގެން މީގެ ކުރިން ކޮމެޓީން ވަނީ އެޗްއާރްސީމާއި، ޖެންޑާ މިނިސްޓްރީއާއި، އަދި ކުޑަ ކުދިންގެ ހިޔާގެ އިސްވެރިން ކޮމެޓީއަށް ވަނީ ހާޒިރު ކޮށްފަ އެވެ. އަދި ކޮމެޓީގެ ފަރާތުން ވަނީ މާފުށީ ޖަލަށާއި ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތް ކޮށްފަ އެވެ.