14 Feb 2013, 17:44
އިންޑިއަން ހައި ކޮމިޝަންގެ ތެރޭގައި ހުންނަވައިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ސިޔާސީ ސްޓޭޓްމަންޓްތައް ދެއްވަމުންދާތީވެ އިންޑިއާ އިން އެކަމާ ހިތްހަމަނުޖެހިފައިވާ ކަމަށް އިންޑިއާގެ ސީއެންއެން-އައިބީއެން އިން ބުނެފި އެވެ.
ސީއެންއެން-އައިބީއެންގެ ވެބްސައިޓުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ ނަޝީދުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީ އިން މަސައްކަތްކުރަމުން ދިޔަ ނަމަވެސް، އިންޑިއަން ހައި ކޮމިޝަންގެ ތެރެއިން ނަޝީދު ސިޔާސީ ސްޓޭޓްމަންޓްތައް ދެއްވަމުން ދާތީ އެކަމާ އިންޑިއާގެ އިސް ބޭފުޅުން ހިތްހަމަނުޖެހިފައިވާ ކަމަށެވެ.
ސީއެންއެން-އައިބީއެން އިން ބުނީ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހޫރުޝިދު ދަނީ މި މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ އާ މަޝްވަރާކުރަމުންދާ ކަމަށެވެ.
އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަނޭޝަނަލް، ހާމިދު އަބްދުލްޣަފޫރު މިއަދު ވިދާޅުވީ އެއީ "ނުވެސް ދެނެހުރި ކަމެއް" ކަމަށެވެ.
އިންޑިއަން ހައި ކޮމިޝަންގެ ތެރޭގައި ނަޝީދު ވަދެވަޑައިގެން ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި ދައުލަތުގެ ފަރާތުން ނަޝީދުގެ މައްޗަށް ކުރާ ދައުވާއި ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ކޯޓުން ކުރި އަމުރު ފުލުހުން ތަންފީޒު ކުރަން މަސައްކަތް ކުރަނިކޮށެވެ.