އިންޑިއަން ހައި ކޮމިޝަނުން "ހިމާޔަތް ހޯދުމަށް" ކަމަށް ބުނެ އެ ކޮމިޝަނަށް މިއަދު ދިޔަ ދެ މީހަކު އެ ކޮމިޝަނަށް ނުވައްދައި ފޮނުވާލައިފި އެވެ.

މިއަދު މެންދުރު ފަހު 2:50 އެހާކަންހާއިރު އިންޑިއަން ހައިކޮމިޝަނަށް ވަންނަން ދިޔަ ދެ މީހަކު ގޮސް ޓްރޭޑާސް ހޮޓަލާ ދިމާލަށް ހުންނަ އެ ކޮމިޝަނުގެ ވަލު ދޮރާށީގައި ބެލް އެޅުމުން އެ ކޮމިޝަންގެ މުއައްޒިފަކު ވަނީ ދޮރުހުޅުވައިފަ އެވެ. އަދި ދޮރުހުޅުވުމާ އެކު އެ ދެ މީހުން ވަނީ އިންޑިއަން ހައިކޮމިޝަނުގެ ތެރެއަށް ވަނުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ހައި ކޮމިޝަނުގެ މުއައްޒިފުން ވަނީ ގަދަކަމުން އެ ދެ މީހުން ހިފަހަޓައިފަ އެވެ. އެއާ އެކު އެ ދެ މީހުން ވަނީ އެހިސާބު ދޫކޮށް ގޮސްފަ އެވެ.

އެ ދެ މީހުންނާ ސަން އިން ސުވާލުކުރުމުން އެ ދެ މީހުންގެ ތެރެއިން އެކަކު ބުނީ އެ މީހުން އެތަނަށް ދިޔައީ ހިމާޔަތް ހޯދަން ކަމަށެވެ. ނަމަވެސް މީޑިއާ އާ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ބުނެ އެ ދެ މީހުން ވެސް އިތުރު ތަފްސީލެއް ނުދިނެ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ޕީޕީއެމްގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ދެ މީހުން އިންޑިއަން ހައި ކޮމިޝަނަށް ދިޔައީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުލޭއާ ބައްދަލުކޮށް "ހިމާޔަތް ހޯދުމަށް" ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ހިމާޔަތްހޯދަނީ އެ ދެ މީހުންގެ މައްސަލަތަކެއް މިއަންނަ ހަފްތާގައި ކޯޓްގައި އޮތީމާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ކަހަލަ މައްސަލައެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ. އަދި ވިދާޅުވީ އެ މީހުން ހިމާޔަތް ނުދޭތާ ކަންތައްތައް ކުރީ ވަރަށް ދެރަކޮށްކަމަށެވެ.

"އެމީހުންނަކީ ޕީޕީއެމް ބަޔެއް ނޫން، އެމީހުން ދިޔައީ ހިމާޔަތް ހޯދަން. އެ ދެ މީހުންގެ މައްސަލަތަކެއް ކޯޓްގައި [އުޅޭތީ ދިޔައީ]،" ޕީޕީއެމްގެ އޮފިޝަލް ވިދާޅުވި އެވެ.

އިންޑިއަން ހައި ކޮމިޝަން އަށް ހިމާޔަތް ހޯދުމަށް ދެ މީހަކު މިއަދު ގޮސްފައިވާ އިރު ކުރީ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިއްޔެ އިން ފެށިގެން ހިމާޔަތްހޯދަންވަން ކަމަށް ވިދާޅުވެ އިންޑިއާ ހައި ކޮމިޝަނަށް ވަޑައިގެން އެ ތަނުގެ ތެރޭގައި "ފިއްލަވައިފަ" އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އިންޑިއަން ހައި ކޮމިޝަންގެ ކޮމެންޓެއް ހޯދުމަށް ގުޅުމުން އެ ކޮމިޝަނުން ވަނީ ކޮމެންޓެއް ދިނުމަށް އިންކާރުކޮށްފަ އެވެ.

ޑީއާރުޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު ޝަރީފް (އީގަލްސް ޝަރީފް) ކޯޓަށް ހާޒިރުނުވާންވެގެން އިންޑިއަން ހައި ކޮމިޝަންގެ ހިޔާމަތް ހޯދަން އެ ކޮމިޝަނަށް ދިއުމުން ވެސް އެ ތަނަށް އޭނާ ނުވައްދައި މިއަދު އޭނާ ފޮނުވާލާފައިވާ ކަމަށް، އޭނާ ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އިންޑިއަން ހައި ކޮމިޝަންގެ ތެރޭގައި ނަޝީދު "ފިއްލެވީ" ނަޝީދުގެ ރައީސް ކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި ދައުލަތުގެ ފަރާތުން ނަޝީދުގެ މައްޗަށް ކުރާ ދައުވާއި ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ކޯޓުން ކުރި އަމުރު ފުލުހުން ތަންފީޒު ކުރަން މަސައްކަތް ކުރަނިކޮށެވެ.