14 Feb 2013, 17:06
މިދިޔަ އަހަރުގެ ހިސާބު ތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަން އެއްލައްކަ އެގާރަ ހާސް ބިދޭސީން ރެޖިސްޓްރީ ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ވިސާ ފީ ނުދައްކާ މީހުންގެ ވިސާ ފީ އަށް މިއަހަރު ލިބެންޖެހޭ 283 މިލިއަށް ރުފިޔާ ނުލިބިވާ ކަމަށް ކޮންޓްރޯލަރު އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ބޭތިއްބުމަށް ތައްޔާރު ކުރި "ބިދޭސީ ހިޔާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރަން ރެޖިސްޓްރީ ކޮށްފާވާ ބިދޭސީންގެ ތެރެއިން ވިސާ ފީ ދެއްކި ކަމަށް ހިސާބު ތަކުން ދައްކަނީ 57 ހާސް މީހުން ކަމަށާއި އެމީހުންގެ ވިސާ ފީގެ ގޮތުގައި ދައުލަތަށް 171 މިލިއަން ރުފިޔާ ލިބިފާވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދަށް ބަލާއިރު އޭގެ ތެރެއިން 54 ހާސް މީހުން ރެޖިސްޓްރީކޮށް ވިސާ ފީ ނުދައްކާ ތިބި ކަމަށެވެ. އަދި ރެޖިސްޓްރީ ނުކޮށް ގަވާއިދާ ޚިލާފަށް އުޅޭ 40 ހާސް މީހުން ވެސް ވިސާ ފީ ނުދައްކާ ކަމަށެވެ.
"ހިސާބު ތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގައި މަސައްކަތް ކުރަން ރެޖިސްޓްރީ ކޮށްފައި އެބަތިބި އެއްލައްކަ އެގާރަ ހާސް ބިދޭސީން. އޭގެ ތެރެއިން ވިސާފީ ދެއްކި ކަމަށް މި ފެންނަނީ 57 ހާސް މީހުން. އެމީހުންގެ ވިސާފީ އަށް ދައުލަތަށް ލިބިފައިވޭ ޖުމްލަ 171 މިލިއަން ރުފިޔާ. ވިސާ ފީގެ ގޮތުގައި މި އަހަރު ލިބެން ޖެހޭ 283 މިލިއަން ޑޮލަރު ނުލިބެ،" ކޮންޓްރޯލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިސާ ފީގެ ގޮތުގައި އެހާ ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނުލިބި ވާއިރު އެކި ކަންކަމުގައި 510 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު އަހަރަށް ބަލާއިރު ބިދޭސީން ރާއްޖެ އަންނަ ނިސްބަތް ކޮންމެ އަހަރަކުވެސް 17 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ރެކޯޑްސް ތަކުން ދައްކާ ކަމަށެވެ. އެހެން ކަމުން 2022 ވަނަ އަހަރު ރާއްޖެއިން ބޭރުވާ ޑޮލަރުގެ އަދަދު 2.3 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށެވެ.