10 Oct 2010, 08:47
މާލޭ ވިޔަފާރިވެރިންގެ މިސްކިތުގައި ބެހެއްޓި ފަންޑު ފޮއްޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މަސްޖިދުއް ސުލްތާނު މުހައްމަދު ބިން އަބްދުﷲ މިސްކިތުގައި ބަހައްޓާފައިހުރި ފަންޑު ފޮށި ފުލުހުން ނެގުމަށް ފަހު އެ އިދާރާގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާ ކަމަށާއި ފޮށި ނެގީ އެއީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނުހޯދައި ބަހައްޓާފައިވާ ފޮއްޓެއް ކަމަށް މައުލޫމާތު ލިބުމުން ކަމަށެވެ.
"ފޮށްޓާ ބެހޭ ގޮތުން ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަން ބަލަމުން މިދަނީ،" ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވި އެވެ.
ވިޔަފާރި ވެރިންގެ ޖަމިއްޔާގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓަކީ ބަލި މީހަކަށް އެހީތެރިވާން ފައިސާ ހޯދުމަށް ހުކުރު ދުވަހު ބަހައްޓާފައި ހުރި އެ ފަންޑު ފޮއްޓެއް ކަމަށް ވެއެވެ. އަދި އެ ފޮށި މިދިޔަ ހުކުރު ދުވަހު ބަހެއްޓުމުން ގިނަ އަދަދެއްގެ މީހުން ފޮއްޓަށް ފައިސާލާފައިވާ ކަމަށް ވެސް ވެއެވެ.
ބަލި މީހަކަށް އެހީވާން ފަންޑު ފޮއްޓެއް ބަހައްޓަން އިސްލާމިކް މިނިސްޓްރީން ހުއްދައެއް ދީފައި ނުވާނެ ކަމަށެވެ.