14 Feb 2013, 16:56
ނ. މާފަރުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމުން ދެ ފަރާތަކުން ކުރިމަތިލާފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް މިއަދު ސަން އޮންލައިނަށް ވިދާޅުވީ މާފަރު އެއާޕޯޓް ހިންގުމަށް ކުރިމަތިލައިފައިވަނީ ކުވެއިތުގެ ކުންފުއްޏެއް ކަމަށްވާ އިންޓަނޭޝަނަލް ޓުރޭޑް ހޯލްޑިން ކޮމްޕެނީ އާއި ރާއްޖޭގެ ކުންފުއްޏެއްކަމަށްވާ އައި އެންޑް ޓީ މެނޭޖްމަންޓް ޕުރައިވެޓް ލިމިޓެޑް ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެދެކުންފުނީގެ ބިޑް އިވެލުއޭޓްކުރެވޭނެކަމަށް ސާމީ ވިދާޅުވިއެވެ.
މާފަރުގެ އެއާޕޯޓް ހިންގާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށް އަދި އެމަސައްކަތް ކުރަން ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި މިވަނީ އެ ރަށުގައި އެއާޕޯޓްގެ މަސައްކަތް ނުފެށި ލަސްވެގެން އެކަމާ މެދު ހިތްހަމަނުޖެހިގެން އެ ރަށުގެ ރައްޔިތުން މުޒާހަރާކުރުމަށް ފަހު، ސަރުކާރަށް ތިން މަސް ދުވަހުގެ މުހުލަތެއް އެކަންތައްތަކަށް ހައްލެއް ހޯދައިދިނުމަށް ދީފައި ވަނިކޮށެވެ.
މާފަރުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް 2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނޫނު ހޮޓެލްސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަތް މިލިޔަން ޑޮލަރު ނަގާފައިވާ އިރު އެ އެއްބަސްވުން ބާތިލް ކުރިއިރު ވެސް އެ ފައިސާ އަނބުރާ ދީފައި ނުވާ ކަމަށް ޓްރާންސް ޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.