ގައުމީ ޔުނިވާސިޓީން ބޭނުން ކުރަމުންދާ ބާ ޖަމާލުއްދީން ސްކޫލްގެ އިމާރާތް ހުސްކުރުމާ މެދު ޔުނިވާސިޓީގެ ކައުންސިލުން އަންނަ ހަފްތާ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށް ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ފައްޔާޒް އަލިމަނިކް ވިދާޅުވެއްޖެ އެވެ.

ޖަމާލުއްދީން ސްކޫލްގެ ކުރީގެ އިމާރާތް ހުސްކުރުމަށް ސަރުކާރުން ޔުނިވާސިޓީ އަށް ދީފައިވާ ހަތް ދުވަހުގެ މުހުލަތާ ބެހޭ ގޮތުން ސަން އޮންލައިންނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ ހައުސިން މިނިސްޓްރީން އެ ޔުނިވާސިޓީން ބޭނުން ކުރަމުންދާ ކުރީގެ ޖަމާލިއްދީން ސްކޫލްގެ އިމާރާތް ހަތް ދުވަސް ތެރޭގައި ހުސް ކުރުމަށް މިއަދު އަންގާފައިވާ ކަމަށެވެ. އަދި އެ އިމާރާތަކީ އެއް ގޮތަކަށް ވެސް ބޭނުން ކުރުން ރަނގަޅު ނުވަތަ ސަލާމަތްތެރި އިމާރާތެއް ނޫން ކަމަށް ވެސް ހައުސިން މިނސްޓްރީން އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބާ ޖަމާލުއްދީން އިމާރާތް ހަތް ދުވަސް ތެރޭގައި ހުސް ކުރުމަށް ފަހު ސަރުކާރާ ހަވާލު ކުރުމަށް މިއަދު ހައުސިން މިނިސްޓްރީން ވަނީ އަންގާފައި. އެހެންވީމާ ޔުނިވާސިޓީގެ ކައުންސިލުން އަންނަ ހަފްތާގައި ގޮތެއް ނިންމާނެ. އަޅުގަނޑުމެން ތަން ހުސްކުރުމުގެ ކުރިން ވަންނާނެ ތަނެއް ހޯދަން ޖެހޭނެ. ކުދިންނަށް ކިޔެވޭނެ ގޮތް ތަކެއް ހަމަޖައްސަން ޖެހޭނެ. އެ ނޫން ވެސް ވަރަށް ގިނަ ކަންތައް އަޅުގަނޑުމެން ބަލަން ޖެހޭނެ." ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ބާ ޖަމާލުއްދީން އިމާރާތް ހުސްކުރުމުގެ ވާހަކައަކީ އެކިފަހަރު މަތިން ތަފާތު އެކި ގޮތް ގޮތަށް ދެކެވެމުން އަންނަ ވާހަކައެއް ކަމަށެވެ.

"ބާ ޖަމާލުއްދީން އިމާރާތް ހުސްކުރުމުގެ ވާހަކަ އެކިފަހަރު އެކި ގޮތަށް ދެކެވޭ. އަޅުގަނޑުމެންނަށް މީގެ ކުރިން ސަރުކާރުން އަންގަފައި އެބަ ވޭ ސަރުކާރުގެ ބޭނުމަށް ސަރުކާރުން އިމާރާތެއް ބޭނުން ވާތީ ތަން ހުސްކުރުމަށް އަންގާފައި އެބަ ވޭ. އަދި ބައެއް ފަހަރު އިމާރާތުގެ ބައެއް ފްލޯ ތައް ހުސްކުރުމަށް އަންގާފައި އެބަވޭ. ސަރުކާރުން ބުނެފައިވޭ ޖަމާލުއްދީން ސްކޫލް ކުދިން ވެސް ބާ އިމާރާތުން ބަދަލު ކުރީ އިމާރާތަކީ ބޭނުން ކުރަން ރައްކާތެރި ތަނަކަށް ނުވާތީ އޭ. އެހެން ވީމަ އަޅުގަނޑުމެން ވާހަކައަކީ ރައްކާތެރި ނޫން އިމާރާތަކަށް ކީއްވެގެންތޯ އޭ މީގެ އެތައް އަހަރެއް ކުރިން ޔުނިވާސިޓީގެ ކުދިން ވެއްދީ. ޖަމާލުއްދީން އަށް ވަންނާނެ ތަނެއް ދެއްކެވި ގޮތަށް އަޅުގަނޑުމެންނަށް ތަނެއް ދެއްކުމަކީ މުހިން ކަމެއް." ފައްޔާޒް ވިދާޅުވި އެވެ.

ސަރުކާރުން ބާ ޖަމާލުއްދީންގެ ބަދަލުގައި ޔުނިވާސިޓީއަށް ބިންތަކެއް ނުވަތަ އިމާރާތްތަކެއް ދިން ކަމަށް ބުނާ ވާހަކައަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވީ މިހާތަނަށް ސަރުކާރުން ޔުނިވާސިޓީއަށް އެއްވެސް ބިމެއް ނުވަތަ އިމާރާތެއް ދީފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ބައެއް ތަންތަނުގެ އޮޑިޓޯރިއަމްތައް ހަމަޖައްސައި ދެއްވާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މި އަހަރު ޔުނިވާސިޓީގައި 7000 އަށް ވުރެ ގިނަ ކުދިން ކިޔަވާނެ ކަމަށާއި އެހެން ކަމުން މިހާރު ވެސް ޔުނިވާސިޓީއަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޔުނިވާސިޓީގައި ޖާގައިގެ ދަތިކަން ހުރި ކަމުގައި ވިޔަސް ބާ އިމާރާތަކީ ބޭނުން ކުރުމަށް ރައްކާތެރި އިމާރާތެއް ނޫން ކަމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތް ތަކުން އަންގަވަމުން ގެންދާ ނަމަ ޔުނިވާސިޓީގެ ކައުންސިލުން ވެސް އެތަން ބޭނުން ކުރުމަށް ނިންމައިފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.