ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑް ދަނޑުގައި އެޓީމާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދެއްކި މޮޅު ކުޅުމަށް އެކްލަބުގެ ތަޖުރިބާކާރު މިޑްފީލްޑަރު ރަޔަން ގިގްސް ތައުރީފް ކޮށްފިއެވެ.

ކުރިން އެތްލެޓިކޯ މެޑްރިޑް ކުޅުނު ގޯލްކީޕަރު އަމިއްލަ ގައުމަށް އެނބުރި އައިސް ކުޅުނު މެޗުގައި ވަނީ ވަރަށް މުހިންމު ހަމަލާތަކެއް ދިފާޢުކޮށްފަ އެވެ. އެގޮތުން މެޑްރިޑަށް ލީޑް ހޯދުމަށް ލިބުނު ހުރިހާ ފުރުސަތުތަކަށް ހުރަސްއެޅި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެގެންދިޔައީ ޑެހެއާ އެވެ.

"ޑެހެއާ އަށް ގިނަ ހަމަލާތަކެއް ދިފާޢުކުރަން ޖެހުނުތަން ފެނިގެންދިޔަ. އޭނާ މެޑްރިޑަށް އެނބުރި އައިސް މޮޅު ކުޅުމެއް ދެއްކުމަކީ އޭނާ އަށް ވެސް އަދި ޓީމަށް ވެސް ވަރަށް މުހިންމު ވެގެންދިޔަ ކަމެއް. ޑެހެއާ އަކީ ވަރަށް މޮޅު ގޯލްކީޕަރެއް. މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައި އެކަން އޭނާ ވަރަށް ރަނގަޅަށް ދައްކުވައިދީފި. މެޑްރިޑަށް އެނބުރި އައުމުން ޑެހެއާ އަށް ގިނަ ޕްރެޝަރުތަކެއް ކުރިމަތިވި. އާންމުގޮތެއްގައި ކީޕަރަކަށް ގޯހެއް ހެދިއްޖެއްޔާ އެވާނީ ގޯލަކަށް. ނަމަވެސް ފޯވާޑަކަށް ގޯހެއް ހެދިއްޖެއްޔާ އެކަމަށް ދެވަނަ ފުރުސަތެއް ލިބޭނެ." ގިގްސް ބުންޏެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޔުނައިޓެޑުންނެވެ. މެޗުގެ ވިހިވަނަ މިނެޓްގައި މިލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކް އެވެ. ނަމަވެސް އޭގެ ދިހަ މިނެޓްފަހުން ކްރިސްޓިއާނީ ރޮނާލްޑޯ ވަނީ މެޑްރިޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޑްރިޑާއި ދެކޮޅަށް ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ދައްކުވައިދިނީ އެޓީމަށް ވެސް ކުއާޓާ ފައިނަލަށް ދަތުރުކުރެވޭނެ ފެންވަރު ހުރިކަން ކަމަށް ގިގްސް ބުނެފައި ވެއެވެ. "އަހަރެމެން ދައްކަވައި މިދިނީ އަހަރެމެންނަށް ވެސް ކުއާޓާ އަށް ދުތުރުކުރެވޭނެ ފެންވަރު ހުރިކަން. އަހަރެމެންގެ ދަނޑުގައި ހަމަހަމަ ކުޅުމެއްދެޓީމްގެ ފަރާތުން ފެންނާނެ ކަމަށް ބެލެވެނީ." ގިގްސް ބުންޏެވެ.

ދެވަނަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް ބައްދަލުކުރަން ހަމަޖެހިފައިވަނީ އަންނަ މަހު ފަސްވަނަ ދުވަހު މެންޗެސްޓާގެ އޯލްޑް ޓްރެފަޑް ސްޓޭޑިއަމްގަ އެވެ.